މާދަމާ ރޭ ފަށާ ވޯލްޑްކަޕަކީ 21 ވަނަ ގަރުނުގައި ސައުތު އެމެރިކާގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ. ބްރެޒިލްގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ޝައުގުން ފުރިފައިވާ އެތަކެއް ހާދިސާތަކެއް ހިނގާނެ މުބާރާތެކެވެ. މި މުބާރާތަކީ ހިތުން ފިލުވާލަން ދަތި ހާދިސާތަކެއް ލޯ މައްޗަށް ދައްކާލާނެ މުބާރާތެކެވެ. ދެބެއިން އެއް ޓީމަކުން ފެނިގެން ދިއުމާއި ދެބެއިން ދެ ޓީމުން ވެސް ފެނިގެންދިއުންފަދަ ކަންކަމަކީ މިފަހަރުގެ މުބާރާތަށް އާ ކަމެއް ނޫނެވެ. އަދި އުފަން ގައުމާ ދެކޮޅަށް ނުކުންނަ ކުޅުންތެރިންނާއި ކޯޗުން ވެސް މި މުބާރާތުގައި ފެނިގެންދާނެ އެވެ. އެފަދަ ވާހަކައަކަށް މި ލިޔުމުގައި އަލި އަޅުވާލަނަމެވެ.

ކޮރޭޝިއާގެ އެޑްވާޑޯ އާއި އެމެރިކާ ކޯޗް ކިލްންސްމަނަށް ވެސް މިފަހަރުގެ މުބާރާތަށް ހާއްސަވެގެންދަނީ އުފަން ގައުމާ ދެކޮޅަށް ވޯލްޑްކަޕަށް ނުކުންނަ ދެ މީހުންގެ ގޮތުގަ އެވެ. ކޮރޭޝިއާގެ އެޑްވާޑޯއަށް މުބާރަތުގެ ހުޅުވާ މެޗްގައި އުފަން ގައުމު ބްރެޒިލާ ވާދަކުރުމާއި ޖަރުމަނަށް އުފަން އަދި ޖަރުމަނަށް ވޯލްޑްކަޕްގައި ކުޅެ ތަށި ޙޯދާފައިވާ ޖާޖަން ކިލިންސްމަން އެމެރިކާ ކޯޗަކަށް ހުރެ ޖަރުމަނާ ދެކޮޅަށް ނުކުންނާނެ އެވެ. އެއީ އެ ދެ މީހުންނަށް ހިތަށް ކުޅަދާނަވާ ކަމަކަށް ނުވެދާނެ އެވެ.

ކޮރޭޝިޔާގެ ގައުމީ ޓީމުގެ ސްޓްރައިކަރު އެޑްވާޑޯ ބުނެފައިވާ ގޮތުން އޭނާގެ އުފަން ގައުމު ބްރެޒިލާ ދެކޮޅަށް ނުކުންނަ މެޗުގައި ދެ ޓީމުގެ ގައުމީ ސަލާން ވެސް އޭނާ ކިޔާނެ ކަމަށެވެ. ކުރިން އާސެނަލަށް ކުޅުނު ސްޓައިކަރު މާދަމާ ރޭ ބްރެޒިލާ ދެކޮޅަށް ނުކުންނަ މެޗުގައި ފުރަތަމަ 11 އިން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. އެޑުވާޑޯ މަންމަ ޖޮއިލްމާ ބުނަފައި ވަނީ އެޑްވާޑޯ ދެ ޓީމުގެ ގައުމީ ސަލާމް ކިޔާނެ ކަމަށާއި ކޮރޭޝިޔާއަށް ދަރިފުޅު ކުޅުނަސް ހިތްވަނީ ބްރެޒިލާ އެކުގައި ކަމަށެވެ.

"މިކޮޅުގައި ތިބި އާއިލާ އެންމެން ފުރަތަމަ މެޗްގައި ސަޕޯޓް ކުރާނީ އެޑްވާޑަށް. އެހެން ނަމެވެސް ފުރަތަމަ މެޗަށްފަހު އަހަރެމެން އެންމެން ވެސް ސަޕޯޓްކުރާނީ ބްރެޒިލަށް،" އެޑްވާޑޯ މަންމަ ބުންޏެވެ. "އަހަރެން ސަޕޯޓް ކުރާނީ ދަރިފުޅަށް. އެއީ ދަރިފުޅު އެންމެ އެދޭ ގޮތް. ދަރިފުޅާ ބްރެޒިލް ވާދަކުރާ މެޗެއް ގޮތުގައި ކޮރޭޝިޔާއަށް ސަޕޯޓު ކުރުމަކީ އޭނާ އެދޭ ގޮތް. މި މެޗަކީ އަޅުގަނޑުގެ ދަރިފުޅު މުޅި ބްރެޒިލާ ދެކޮޅަށް ވާދަ ކުރާ މެޗެއް،"

އުމުރުން 31 އަހަރުގެ އެޑުއާޑޯގެ ޅަ އުމުރުގެ ދުވަސްތައް ހޭދަކޮށްފައި ވަނީ ބްރެޒިލުގަ އެވެ. އެންމެ ފުރަތަމަ އޭނާ ކުޅެފައި ވަނީ ބްރެޒިލްގެ ބަންގު އެތުލެޓިކޯ ކުލަބަށެވެ. ކޮރެއޭޝީޔާގެ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2002 ވަނަ އަހަރުގަ އެވެ.

އެޑުވާޑޯ އެންމެ ފުރަތަމަ ކޮރޭޝިއާ އަށް ގޯލެއް ޖަހާފައި ވަނީ 2006 ވަނަ ކަލްސްބާގް ކަޕްގައި ހޮންކޮންގާ ދޮކަޅަށް ކުޅެ 0-4 މޮޅުވި މެޗުގަ އެވެ. އެޑުވާޑޯ ވަނީ މިހާތަން ކޮރޭޝިޔާގެ ގައުމީ ޓީމަށް 63 މެޗު ކުޅެ، 29 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އެ އަދަދާއެކު އޭނާއަކީ ކޮރެޝިޔާގެ ގައުމީ ޓީމަށް ދެ ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ޖަރުމަނުގެ އުފަން ކިލްންސްމަނަކީ ވެސް މިފަރަހުގެ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖްގަ އެމެރިކާ ގޮވައިގެން ނުކުމެ ދެ ޓީމުގެ ގައުމީ ސަލާމް ކިޔާނެ އެކެކެވެ. މީގެ 24 އަހަރު ކުރިން، 1990 ވަނަ އަހަރު ހުޅަނގު ޖަރުމަނުގެ ނަމުގައި ވޯލްޑްކަޕް ކާމިޔާބު ކުރިއިރު އެ ޓީމްގެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ކިލްންސްމަން ޖަރުމަނު ގައުމީ ޓީމަށް ކުޅުނެވެ. ކިލްސަންމަން ސިފަކުރާ ގޮތުގައި އެމެރިކާ ގައުމީ ސަލާމަކީ ކިޔާލަން ހިތްގައިމު ގައުމީ ސަލާމެކެވެ. އެހެން ނަމެވެސް މި މެޗް ކިންލިންސްމަނަށް ވެގެން ދަނީ ތަފާތު އިހްސާސްތަކެއް ކުރުވާ މެޗެއްގެ ގޮތުގަ އެވެ. މި މެޗަށް ކިލްންސްމަން ވަނީ ކެތްމަދުވެފަ އެވެ. އެމެރިކާ ގައުމީ ޓީމުގެ ކޯޗަކަށް ހުރެ ކިތަންމެ ހިތްނޭދުނަސް ޖަރުމަނު ބަލިކުރާތަން ދެކެން ބޭނުންވާ ކަމަށް ވެސް ކްލިންސްމަން ވަނީ ބުނެފަ އެވެ.

ކްލިންސްމަން ވަނީ 1988 ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެށިގެން 1998 ވޯލްޑްކަޕާ ހަމައަށް ޖަރުމަނު ގައުމީ ޓީމަށް 80 މެޗު ކުޅެ 38 ގޯލު ޖަހާފަ އެވެ. އަދި 2006 ވަނަ އަހަރު ވޯލްޑްކަޕްގައި އަމިއްލަ ގައުމު ގޮވައިގެން ނުކުމެ ތިން ވަނަ ހޯދައިދިނީ ވެސް ކިލްންސްމަނެވެ.

މިފަހަރުގެ ވޯލްޑްކަޕަށް އެމެރިކާގެ ގައުމީ ޓީމު ގޮވައިގެން ކިލްންސްމަން ނުކުތުން ވެގެންދާނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އަމިއްލަ ގައުމު ފިޔަވައި އެހެން ޓީމަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރަށެވެ. އެމެރިކާގެ ގައުމީ ޓީމާ އޭނާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. ކިލްންސްމަންގެ ކޯޗު ކަމުގައި އެމެރިކާގެ ގައުމީ ޓީމު ވަނީ މިދިޔަ އަހަރު ގޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ވެސް އުފަން ގައުމު ނޫން އެހެން ގައުމުތަކަށް ކުޅޭ ކުޅުންތެރިންތަކެއް ވެސް މި މުބާރާތުގައި ފެނިގެންދާނެ އެވެ. އެގޮތުން ސްޕެއިން އަށް ކުޅޭ ބްރެޒިލް އަށް އުފަން ޑިއެގޯ ކޮސްޓާ އާއި، ޖަރުމަނަށް ކުޅޭ ޕޮލެންޑަށް އުފަން ލޫކަސް ޕޮޑޮލްސްކީ އަދި ގާނާ އަށް ކުޅޭ ޖަރުމަނަށް އުފަން ކެވިން ޕްރިންސް ބޯޓެންގާއި ޖަރުމަނަށް ކުޅޭ ޕޮލެންޑަށް އުފަން މިރޮސްލާވް ކްލޯސޭ ފަދަ ތަރިންތަކެއް ހިމެނެ އެވެ. މި މުބާރާތުގައި ކަނޑުގައި އުފަންވި ކަމަށް ރަޖިސްޓަރީވެފައިވާ ކުޅުންތެރިއެއް ވެސް ފެނިގެންދާނެ އެވެ. އެއީ ރިޕްބްލިކް އޮފް ޒައިރޭގެ ބައްޕައަކަށާއި އެންގޯލާ މަންމައަކަށް އުފަން ފްރާންސް ގައުމީ ޓީމަށް ކުޅޭ ރިއޯ މަވޫބާ އެވެ. އެހެންކަމުން މި މުބާރާތުގައި ފާހަގަކޮށްލެވޭ އެތަކެއް ކަމެއް ފެނިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.