ފޭސްބުކަށް އެކި އެކި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ލައި، ހަޑި ހުތުރު ބަސްމަގުން ސްޓޭޓަސް އަޕްލޯޑް ކޮށް، ބައެއް އިދާރާތައް ބަދުނާމުކުރަމުން ދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހޯދި ހދ. ކުޅުދުއްފުށީ، އެޕަލް، މުހައްމަދު އިބްރާހީމް،25، ފުލުހުންނާ ހަވާލުވީ މިއަދު ހަވީރު އެވެ.

މުހައްމަދު އިބްރާހީމް ހޯދަން ފުލުހުން އިއުލާން ކުރީ އޭނާ ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ފޭސްބްކް އައިޑީ އަކުން މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެކި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ލައި ހަޑި ހުތުރު ބަސްމަގުން ސްޓޭޓަސް އަޕްލޯޑް ކޮށް، ބައެއް އިދާރާތައް ބަދުނާމުކުރަމުން ދިޔަ މައްސަލާގައި އޭނާގެ ބަޔާން ނެގުމަށް އޭނާ ހޯދުމަށް ކުރި މަސައްކަތުން ދިރިއުޅޭ ވަކި އެޑްރެހެއް ނޭގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމް ކުޅުދުއްފުށީގައި ނޫޅޭތީ އޭނާގެ ފޯނަށް ގުޅައި އޭނާ ހުރިތަނެއް ދެނެގަތުމަށް ކުރި މަސައްކަތުން ވެސް އޭނާ ދިރިއުޅެމުންދާ ތަނެއް ނުބުނެ މައްސަލައިގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް އޭނާ ދެކޮޅު ހަދާފައިވާ ކަމަށެވެ.