ޔޫކްރައިންގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ ދިވެހިން މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ނަހުލާ އަލީ ވިދާޅުވީ ޔޫކްރޭންގައި ތިބި ދިވެހިން މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު ކަމަށެވެ. އެގޮތުން މާދަމާ ޔޫކުރޭނުން ރާއްޖެ އަންނަނީ 13 ދިވެހިން ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޔޫކުރޭންގައި ތިބި ދިވެހިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު. އެގޮތުން ޔޫކުރޭނުން މާދަމާ ރާއްޖެ އަންނަނީ 13 ދިވެހިން، އޭގެ ތެރޭގައި ތުއްތު ކުއްޖަކު ހިމެނޭ،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ޔޫކުރޭންގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ ހުރިހައި ހަރަދެއް ކުރަނީ ދެވެހި ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ ޔޫކުރޭނުން މަދަމާ ރާއްޖެ އަންނަ ހުރިހައި ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ ދިވެހިން އެގައުމުގެ ވެރިރަށް ކިޔޭވުއަށް ބަދަލުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޔޫކުރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ރައްކާތެރިކަމާ މެދު ޚާއްސަ ސަމާލުކަމެއް ދީގެން، އެ މިނިސްޓީގެ ފަރާތުން އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންގެ އިރު މަތީ ސަރަހައްދުގައި ހަނގުރާމަ ކުރަމުން ގެންދާ، ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، ލުހާންސްކް ސިޓީގައި ސިފައިންނާ ދެކޮޅަށް ބަދަލުކުރި ވަރުގަދަ ހަމަލާތަކަށް ފަހު އެސަރައްދުގައި ހުންނަ ސަރުކާރުގެ ދެ އިމާރާތެއް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.