ސަރުކާރު މުވައްޒަފުންގެ މުސާރަ އިޔާދަކޮށް ދިނުމަށް ނިންމައި އެކަން ސަރުކާރުން އިއުލާންކޮށްފި އެވެ.


ފައިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ މުހަންމަދު އަހުމަދު ސޮއިކުރައްވައި މިއަދު އާންމު ކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓްގައި މުވައްޒަފުންގެ މުސާރަ އިޔާދަ ކުރުމުގެ ބައި ހިމަނައިގެން ކަމަށް ވާތީ، " ގައުމަށް ކުރިމަތިވި އިގްތިސާދީ ހާއްސަ ހާލަތާއި ގުޅިގެން 1 އޮކްޓޫބަރު 2009 އިން މުވައްޒަފުންގެ މުސާރަ އާއި އިނާތަށް ގެނައި ބަދަލު 1 ޖެނުއަރީ 2011 އިން އިޔާދަ ކުރުމަށް ސަރުކާރުން ނިންމަވައިފި" ކަމަށެވެ.


ފިނޭންސް މިނިސްޓްރީން އާންމު ކުރި ނުވަ ފޮޅުވަތުގެ ސާކިއުލާގައި ބުނެފައި ވަނީ ސަރުކާރުން ބަޖެޓް ހުށަހެޅީ 2009 ވަނަ އަހަރު އުނި ކުރި މުސާރަ ހިމަނައިގެން ކަމަށާއި އަދި މި އަހަރަށް ލަފާކުރި ބަޖެޓްގައި ދައުލަތުގެ އާމްދަނީ ހަތް ބިލިއަނަށް ވުރެ މައްޗަށް ވެސް އަރާނެ ކަމަށެވެ.