11 Jun 2014, 17:06
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު ވަނަ މެޗުގައި މިއަދު ސައުދީ އަރަބިއްޔާ އަތުން ބަލިވެއްޖެ އެވެ.
މިއަދުގެ މެޗުގައި ޓޮސްދިމާވުމުން ރާއްޖޭގެ ކެޕްޓަން ގަސްދުކުރީ ހޮވުމަށެވެ. ސައޫދިއެރޭބިޔާ ކުޅެންއަރާ 50 އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 347 ލަނޑެވެ. ފާހަގަކޮށްލެވޭ ޕާކިސްތާންގެ ދެކުޅުންތެރިން ސަހްބާޒް ރަޝީދު 138 އަދި އަފްޒަލް ސަލީމް 100 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކީ އަށް އޯވަރު 27 ލަނޑަށް ދެ ވިކެޓްނެގި އަހްމަދު ހަސަންއެވެ.
ޖަވާބުގައި ރާއްޖޭގެ ޓީމް ކުޅެންއަރައި 50 އޯވަރު ހަމަވި އިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. މިއިނިންގްސްގައި ރަނގަޅު ކުޅުމެއް ދެއްކުނީ 46 ލަނޑުހެދި މުހަންމަދު އައްޒާމްއާއި ނުބައިނުވެ 37 ލަނޑުހެދި މުހަންމަދު މަހަފޫޒަށެވެ.
މިމުބާރާތުގެ އެންްމެ ފަހުބުރުގެ ތިންމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެގޮތުން މާދަމާ ރާއްޖެ ބައްދަލުކުރާނީ ސިންގްޕޫރާ ދެކޮޅަށެވެ.
މުބާރާތުގެ އެންމެ ކުރީގައި އަށް ޕޮއިންޓްއާއި އެކު އޮތީ ސައުދި އަރަބިޔާ އެވެ. ދެވަނައިގައި ސިންގަޕޫރާއި ކުވެއިތް ހަ ޕޮއަންޓާއެކު އޮތް އިރު، ރާއްޖެ އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނަ މަގާމްގަ އެވެ. ބަހްރޭންއާއި ބޫޓާނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި އިރު ދެ ވަނަ މެޗުން ވެސް ރާއްޖެ ވަނީ ބަހުރޭން އަތުން މޮޅުވެފަ އެވެ. އަދި ތިން ވަނަ މެޗުގައި ރާއްޖެ ބަލިވީ ކުވައިތު އަތުންނެވެ.