އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ޕްރައިވެޓް ޖެޓް ޓާމިނަލާއި އެފްބީއޯ ފެސިލިޓީތައް ބޭރުގެ ކުންފުނިތަކަކާ ހަވާލު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވާތީ އެކަމާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޓާޓޯ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޖެޓް ޓާމިނަލާއި އެފްބީއޯ ފެސިލިޓީތައް ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްފި ނަމަ ދިވެހި ކުންފުނިތައް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށެވެ.

"ރާއްޖެއަށް އަންނަ ޕްރައިވެޓް އަދި ކޯޕަރޭޓް ޖެޓުތައް ސުޕަވިޒަން އެޖެންޓުންގެ ގޮތުގައި އަދި ގްރައުންޑް ހޭންޑްލާސްގެ ގޮތުގައި ގިނަ ދިވެހި ކުންފުނިތަކުން ހަރަކާތްތެރިވޭ. މީގެ ތެރެއިން ގިނަ ކުންފުނިތައް ބަރޯސާ ވަނީ ހަމައެކަނި މި ވިޔަފާރިން ލިބޭ ފައިސާއަށް،" އެ ބަޔާނުގައިވެ އެވެ.

މަޓާޓޯ އިން ބުނެފައި ވަނީ މި ވާހަކަތައް ދައްކައި ޖެޓް ޓާމިނަލާއި އެފްބީއޯ ފެސިލިޓީތައް ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަމާމެދު ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.

".. އެގޮތުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އިން އެފަރާތުގެ ހިދުމަތްތައް ކުރިއަރުވައި ސަރުކާރުން މި ވިޔަފާރި ކުރާ ގޮތަށް ހަމަޖެއްސުމަކީ ވެސް ބޭރުގެ ކުންފުނިތަކަށް ޖެޓް ޓާމިނަލާއި އެފްބީއޯ ފެސިލިޓީތައް ކުއްޔަށް ދިނުމުގެ ބަދަލުގައި ހެދިދާނެ ގޮތެއް،" އެ ބަޔާނުގައިވެ އެވެ.

އައިއެންއައިއޭގެ ޖެޓް ޓާމިނަލާއި އެފްބީއޯ ފެސިލިޓީތައް ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްފި ނަމަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލުމާއި ގައުމުން ބޭރަށް "ބޭކާރު" ގޮތުގައި ފައިސާ ދިއުމާއި މާކެޓުގައި ބޭރު ކުންފުނިތަކުން އަތްގަދަ ކުރުން ފަދަ ކަންކަން ދިމާވާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.