ރާއްޖޭގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސެއިން (އޮއިއްޓޭ)ގެ ޖާޒީ ނީލަން ކިޔައިގެން ލިބުނު 60،000 ރުފިޔާ ރާއްޖޭގެ ހަރަކާތްތެރި ދެ އެންޖީއޯ ކަމަށްވާ އާކް އަދި ކެއާ ސޮސައިޓީ އަށް ހަދިޔާކޮށްފި އެވެ.

އޮއިއްޓޭގެ ޖާޒީ ނީލަން ކިޔައިގެން ލިބުނު ފައިސާ ހަވާލުކުރުމަށް އެފްއޭއެމް ހައުސްގައި ކުރިޔަށް އިވެންޓްގައި ކެއާސޮސައިޓީ އާއި އާކުއަށް ޗެކް ހަވާލުކޮށްދިނީ ވެސް އޮއިއްޓޭ އެވެ. އެގޮތުން ކޮންމެ އެންޖީއޯއަކަށް ވަނީ 30000 ރުފިޔާ ލިބިފަ އެވެ.

ކެއާ ސޮސައިޓީގެ ފަރާތުން ޗެކާއި ހަވާލުވީ އައިމިނަތު ސަލީމެވެ. އާކުގެ ފަރާތުން ޗެކާއި ހަވާލުވީ ޒެނީޝާ ޝަހީދު ޒަކީ އެވެ.

ކެއާ ސޮއިޓީ އާއި އާކުން ވަނީ އޮއިއްޓެ އަށް މި ދިން އެހީއަށް ޝުކުރު އަދާކޮށްފަ އެވެ. އޮއިއްޓޭގެ ޖާޒީ އަށް އެއްމެ ބޮޑު ބިޑެއް ހުށަހަޅާފައި ވަނީ އައިޝަތު އަނާޔަތެވެ.

އޮއިއްޓޭ ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލީ މި އަހަރުގެ ސީޒަން ހުޅުވުމަށް ރޭ ކުޅުނު "ލައިފްބޯއީ ޗެރިޓީ ޝީލްޑް" މެޗުގައި މާޒިޔާ އަތުން 3-1 ލަނޑުން ނިއު މޮޅުވި މެޗުގަ އެވެ. ރޭގެ މެޗް ނިއުއިން ފަށައިއިދީ ވެސް އޮއިޓޭ އެވެ.

އޮއިއްޓޭ ކުޅުން ފަށާފައި ވަނީ ކްލަބު އީގަލްސް އިން 1998 ވަނަ އަހަރު އެވެ. ކުޑަ ދުވަސްކޮޅަކަށް އީގަލްސް އަށް ކުޅުމަށް ފަހު، ނިއު އަށް ބަދަލުވެ، އޭނާ ވަނީ އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ނިއު އަށް ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށް ފަހު، ދެން އޮއިއްޓޭ ފެނުނީ ކްލަބު ވެލެންސިއާ އަދި ވީބީ އިންނެވެ. އައަށް ފަހު، 2012 ވަނަ އަހަރު އަލުން ނިއުގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު، އެންމެ ފަހުން އޭނާ ކުޅުނީ ބީޖީ ސްޕޯޓްސް ކްލަބަށެވެ.