11 Jun 2014, 16:05
ފޭސްބުކަށް އެކި އެކި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ލައި، ހަޑި ހުތުރު ބަސްމަގުން ސްޓޭޓަސް އަޕްލޯޑް ކޮށް، ބައެއް އިދާރާތައް ބަދުނާމުކުރަމުން ދިޔަ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދަނީ ހދ.ކުޅުދުއްފުށީ، އެޕަލް، މުހައްމަދު އިބްރާހީމް،25، ކަމަށެވެ.
މުހައްމަދު އިބްރާހީމް ހޯދަމުން ދަނީ އޭނާ ބޭނުންކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފޭސްބްކް އައިޑީ އަކުން މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެކި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ލައި ހަޑި ހުތުރު ބަސްމަގުން ސްޓޭޓަސް އަޕްލޯޑް ކޮށް، ބައެއް އިދާރާތައް ބަދުނާމުކުރަމުން ދިޔަ މައްސަލާގައި އޭނާގެ ބަޔާން ނެގުމަށް އޭނާ ހޯދުމަށް ކުރި މަސައްކަތުން ދިރިއުޅޭ ވަކި އެޑްރެހެއް ނޭގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހީމް ކުޅުދުއްފުށީގައި ނޫޅޭތީ އޭނާގެ ފޯނަށް ގުޅައި އޭނާ ހުރިތަނެއް ދެނެގަތުމަށް ކުރި މަސައްކަތުންވެސް އޭނާ ދިރިއުޅެމުންދާ ތަނެއް ނުބުނެ މައްސަލައިގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް އޭނާ ދެކޮޅު ހަދާފައިވާކަމަށެވެ.
އެހެންކަމުން މުހައްމަދު އިބްރާހީމާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 ނުވަތަ 6528851 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.