ލަންޑަން (ޖޫން 11): ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރުން އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މާބޮޑަށް ބާރުގެ ބޭނުންކޮށް ހަރުކަށިވަމުންދާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކޮށްފި އެވެ.

އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކުރިން ފެނިފައި ނުވާވަރުގެ ހަރުކަށިކަމެއް މިހާރު ފެންނަމުންދާ ކަމަށާއި އެކަމާމެދު ކަންބޮޑުވާކަމުގައެވެ. އެގޮތުން އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް ސުލްހަވެރި ކަމާއެކު މުޒާހަރާތައްކުރާ ފަރާތްތަކުގެ އަޑުނާހައި ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާތައް ރޫޅާލައި އިދިކޮޅު ފަރާތްތަކުގެ އަޑުތައް ގަދަބާރުން ބަންދު ކުރަމުންގެންދާ ކަމަށްވެސް އެމްނެސްޓީގެ ބަޔާނުގައި ތުހުމަތު ކޮށްފައި ވެއެވެ.

ފާއިތުވި އަހަރު ތުރުކީ ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު މުޒާހަރާތައް ކުރި މީހުންގެ ތެރެއިން 5500 މީހުންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މައްސަލަތައް ޝަރީއަތަށް ފޮނުވާފައި ވާ ކަމަށް އެމްނެސްޓީގެ ރިޕޯޓް ބުނެއެވެ. ތުރުކީ ސަރުކާރުގެ ތަރްޖަމާނަކު ވަނީ އެމްނެސްޓީގެ ރިޕޯޓަކީ ހަގީގަތާ މުޅިން ހިލާފު ރިޕޯޓެއް ކަމަށް ސިފަކޮށްފައެވެ. އަދި ތުކުރީއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި އެގައުމުގައި ސުލްހަވެރިކަމާ އެކު ޚިޔާލު ފާޅުކުރުމާއި ސުލްހަވެރި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރުމުގެ ހައްގުތަކާއި ފުރުސަތުތައް ލިބިފައިވާ ކަމަށާއި އެ ހައްގުތަކުން މަހްރޫމު ކުރަނީ ސުލްޙަވެރި ނޫންގޮތްގޮތަށް އެ ހައްގުތައް ބޭނުންކުރާތީ އެކަމާބެހޭ ގާނޫނުތަކުގެ ދަށުން ކަމަށްވެސް ތުރުކީ ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވި އެވެ. (ރޮއިޓާސް)