11 Jun 2014, 15:39
މާދަމާ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 100 ޕަސެންޓް ފިޓްވާނެ ކަމަށް ބުނެ، އޭނާގެ ސަޕޯޓަރުން ހިތްހަމަ ޖައްސުވައިދީފި އެވެ.
ޗެމްޕިއަންސް ލީގު ފައިނަލުގައި އެތުލެޓިކޯ އަތުން މޮޅެވެ، ރެއާލް މެޑްރިޑަށް ތަށި ހޯދައި ދިނުމަށް އެހީތެރިވެ ދިނުމަށް ފަހު، ރޮނާލްޑޯއަށް ވަނީ ކެނޑިނޭޅި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އޭނާ އަށް ކުރިން ވަނީ މާކޮސް ރިއުސް، ފްރޭންކް ރިބެރީ އަދި ރަޑަމެލް ފަލްކާއޯ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހުނު ހިތާމަވެރި ގޮތް ދިމާވެދާނެ ކަމުގެ ބިރު ހީވެފައެވެ.
އަނިޔާ އަށް ފަހު އަޔަލޭންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯގެ ކުޅުން ކުޑަ ވަގުތު ކޮޅަކަށް ފެނިފައި ވެއެވެ. އަޔަލޭންޑާ ދެކޮޅަށް ކުޅެ 5-1 ލަނޑުން ޕޯޗުގަލް މޮޅުވި އެކުވެރިކަމުގެ މެޗުގެ 65 މިނެޓް ރޮނާލްޑޯ ފުރިހަމަކުރި އެވެ.
"ޑޮކްޓަރުންގެ އިރުޝާދުތައް ހަނދާން ބަހައްޓައިގެން އަހަރެން މިދަނީ ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ދުވަހަކަށްވުރެ ދުވަހެއް އަހަރެންގެ އަނިޔާ ދަނީ ރަނގަޅުވަމުން. ވޯލްޑް ކަޕުގައި ރަނގަޅު ކުޅުމެއް ދެއްކޭނީ ހުރިހާ ގޮތަކަށް ފިޓްވެގެން. ވޯލްޑް ކަޕަށް ފުރިހަމަ އަށް ފިޓްވާނެ،" ރޮނާލްޑޯ ބުންޏެވެ.
ޕައުލޯ ބެންޓޯގެ ކޯޗުކަމުގެ ދަށުން ވާދަކުރާ ޕޯޗުގަލް ހިމެނެނީ ޖަރުމަނާއި، ގާނާ އަދި އެމެރިކާއާ އެކު ގްރޫޕް ޖީގަ އެވެ.
"އަހަރެމެން ޔޫރޯ މުބާރާތުގައި ޖަރުމަނާ ދެކޮޅަށް ކުޅުނިން. އެހެންކަމުން ކޮންމެވެސް ވަރަކަށް އެ ޓީމުގެ ގޮތް އަހަރެމެންނަށް އެނގޭ. އަނެއްކޮޅުން އެ މީހުންނަށް ވެސް އެނގޭނެ އަހަރެމެންގެ ގޮތް. ޖަރުމަނު ޓީމު ވަރަށް ވަރުގަދަ. އެމީހުންނަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެއް. ޔޫރޯގައި ކުޅުނު އިރު، ގްރޫޕް ސްޓޭޖުގައި އަހަރެމެންނާއެކު ނެދަލޭންޑްސް އާއި ޑެންމާކް އޮތް. އެކަމަކު އަހަރެމެން ދެވަނަ ބުރަށް ދަތުރުކުރި. މިފަހަރު އަހަރެމެން ވާދަކުރަނީ އެމެރިކާ އާއި ގާނާ. އެހެންކަމުން މިފަހަރު ވެސް ވަރަށް އުނދަގޫވާނެ. ނަމަވެސް އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކާނަން،" ރޮނާލްޑޯ ބުންޏެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އެރީނާ ފޮންޓޭ ނޯވާގައި ކުޅޭ މި މެޗަށް ޕޯޗުގަލް ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައެވެ.