11 Jun 2014, 15:30
މުނި ހޯމްކެއާ އިން މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ "ސުޕަ ފާސްޓް ރަމަޟާން ސޭލް 2014"ގެ ހަތަރު ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ރ. ވާދޫ ފެންފިޔާޒްގެ މިފްތާހް މުހައްމަދު ހޮވިއްޖެ އެވެ.
މުނި ހޯމްކެއާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ނަސީބުވެރިޔާ ހޮވައިދެއްވުމަށްފަހު މުނި ހޯމްކެއާގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރު ލަހިރު ޑިޝާން ވިދާޅުވީ، މިދިޔަ ހަފްތާގައި ހޮވަންޖެހޭ ހަތަރުވަނަ ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރުން މި ހަފްތާއަށް ލަސްވީ "ބިޒީ ޝެޑިއުލްއެއްގައި" މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ. އަދި އަންނަ ހަފްތާގައި ފަސްވަނަ ހަފްތާގެ ނަސީބުވެރިޔާ އާއި ހަވަނަ ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
މުނި ހޯމް ކެއާގައި މިހާރު ކުރިޔަށްދާ ރަމަޟާން ސޭލް އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކައި މާދަމާގެ މެންދުރު ފަހުން ފެށިގެން އިރުއޮސްސުމާ ހަމައަށް މީރު ބަހުރު ބަނދަރު (ނޯތު ހާބަރު) ކުރިމައްޗަށް ވާގޮތަށް ބޮޑުތަކުރުފާނު މަގުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައި ވާކަމަށް ލަހުރު ޑިޝާން ވިދާޅުވި އެވެ. އެ ހަރަކާތުގައި މުނި ފޫހި ފިލުވުމުގެ ގޮތުން ގޭމް ކުޅުންފަދަ ކަންކަން ކުރިޔަށް ދާއިރު، ފްރީގިފްޓް ގެ ގޮތުގައި ތަފާތު ތަކެތި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުނީހޯމްކެއާ އިން މިހާރު ކުރިޔަށް ގެންދާ ސުޕަ ފާސްޓް ޕްރޮމޯޝަންގެ ތެރޭގައި 5000 ރުފިޔާއިން މަތީގެ އަދަދަކަށް ކުރާ ކޮންމެ ވިޔަފާރިއަކަށް އިނާމެއް ލިބެއެވެ. އެގޮތުން ހެއާ ޑްރަޔާ އަކާއި ޓޯސްޓަރަކާއި މިކްސަރެއްގެ އިތުރުން އިސްތިރިއަކާއި ވަޅި ފަދަ ތަކެތި ހަދިޔާ ތަކުގެތެރޭގައި ހިމެނިފައި ވާ އިރު، އެއިން ބޭނުން އެއްޗެއް ނެގުމުގެ އިހްތިޔާރު ކަސްޓަމަރަށް ލިބެއެވެ.
މުނި ހޯމްކެއާއިން ވަނީ، މުޅި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އަގުބޮޑު ބެޑްރޫމްސެޓެއް ދޭން ނިންމާފައެވެ.