11 Jun 2014, 15:28
މާދަމާ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ހޯދި ކާމިޔާބު ތަކުރާރު ކުރެވިދާނެ ކަމުގެ ހުވަފެނުގައި ހުރި ކަަމަށް އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ދެއްކި މޮޅު ކުޅުމާއެކު އުމުރުން 21 އަހަރުގެ ޕޮގްބާ އަކީ މިހާރު ޔޫރަޕްގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ، މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނު 36 މެޗުން ހަތް ގޯލު ކާމިޔާބުކޮށްފައެވެ.
"ފްރާންސާ އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އަހަރެން ދެކޭ ހުވަފެނެއް،" ޕޮގްބާ ބުންޏެވެ. "އަހަރެން މިހިރީ އުފަލުން އަދި މިހާރު ފްރާންސްގައި އޮތް ސްކޮޑާ މެދު ފަހުރުވެރިވަން. ނަމަވެސް އެ ނިމުނީކީ ނޫން. ވޯލްޑް ކަޕުގައި ކުޅުމަކީ ވަރަށް އުފާވެރި ކަމެއް. އަދި އެ މުބާރާތް ކާމިޔާބުކުރުމަކީ އެއަށްވުރެ އުފާވެރި ކަމަކަށް ވާނެ. އަހަރެމެންނަށް ވޯލްޑް ކަޕުގައި ދުރަށް ދަތުރުކުރެވޭނެ ކަމަށް އުންމީދުކުރަން."
ވޯލްޑް ކަޕުގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ.