އިންޓަޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމިއްޔާގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައި "ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އައިޕީޔޫގެ ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިފަހަރު ހުޅުވާލެވިފައި ވަނީ އޭޝިޔާގެ ގައުމުތަކަށް އެކަނި ކަމަށެވެ. އަދި އައިޕީޔޫގެ ރައީސް ކަމަށް ކުރިމަތި ލެވޭނީ މެދުކެނޑުމެއްނެތި ގާނުނުހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ދުނިޔޭގެ ގާނޫނުހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ ނުވަތަ އައިޕީޔޫގެ ރައީސް ކަމަށް ކުރިމަތި ލުމަށް އަޅުގަނޑު މިވަނީ ނިންމާފައި. މިފަހަރު އައިޕީޔޫގެ ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އޭޝިޔާގެ ގައުމުތަކަށް. ދެން މި މަގަމަކީ މެންބަރު ކަމުގައި ދެމިހުރެގެން ފުރާ މަގާމެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އައިޕީޔޫގެ ރައީސް ކަމުގެ މަގާމް ދިވެހިރާއްޖެއަށް ލިބިގެން ދިއުމަކީ ރާއްޖެއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި ޝާހިދުއަށް ތާއިދުކޮށްދެއްވާނެ ކަމަށް އައިޕީޔޫގެ ގިނަ މެންބަރު ގައުމުތަކުން ބުނެފައި ވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އައިޕީޔޫގެ ރައީސް ކަމުގެ މަގާމަށް އެމަނިކުފާނުގެ ނަންފުޅު ފޮނުއްވައި ދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި މަޖިލީހާއި ސަރުކާރުގެ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އައިޕީޔޫގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ނިންމާފައި އެކަން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޮޕްގެ ލީޑަރު އަހުމަދު ނިހާން އާ ވެސް މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ. އަދި އެކަމުގައި ފުރިހަމައަށް ތާއިދު ކޮށްދެއްވާނެ ކަމަށް ނިހާން ވިދާޅުވި ކަަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އައިޕީޔޫގެ ރައީސްކަމުގެ އިންތިޚާބު އޮންނާނީ އަންނަ އޮކްޓޫބަރު މަހު އެވެ. އެ ޖަމިއްޔާގެ ރައީސް ކަމުގައި މިހާރު ހުންނެވީ މޮރޮކޯގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސެވެ.