އައްޑޫ ސިޓީގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހަކަށް ހަމަލާދީ ފުލުހެއްގެ ސައިކަލަށް ގެއްލުންދިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަރު 12:05ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 19 އަހަރުގެ މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށާއި އަދި 20 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން 27 އަހަރުގެ މީހާއަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުނަށް ހަމަލާދިން މީހުން ތިބީ ހިތަދޫގެ މަގެއްގެ ކަންމަތީގައި ގްރޫޕް ހަދައިގެން ކަމަށާއި ރަށުތެރެ ފެޓްރޯލް ކުރުމުގައި ޙަރަކާތްތެރިވި ދެ ފުލުހަކަށް އެމީހުން ހަމަލަ ދީފައި ވަނީ އެމީހުން ބަލައި ފާސްކުރުމަށް މަސައްކަތް ކުރި ވަގުތު ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން އެސަރަޙައްދަށް ފުލުހުން ދިޔަ ސައިކަލް ޕާކް ކޮށްފައި ހުއްޓާ ސައިކަލްގެ ހެޑް ލައިޓާއި މިޓަރު ބޯޑް ތަޅާލައި ސައިކަލްގެ ކަވަރު ސެޓަށް ގެއްލުން ދިނުމުގެ އިތުރުން އެއް ފުލުހެއްގެ ފޯނުގެ ސްކްރީން ވެސް ހަލާކު ކޮށްލާފަވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ، އަނިޔާވި ދެ ފުލުހުނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުނަށް ހަމަލާ ދިނުމުގައި ބައިވެރިވި އިތުރު މީހަކު ވެސް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.