މާބަނޑު މީހުންނަށް ބޭނުންވާ ހިދުމަތްތައް ރަށު ފެންވަރުގައި ގާއިމް ކުރުމަށް ކަމަށް ބުނެ ކުރިން ފޫޅުމައިންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހުން އެ މަސައްކަތަށް އަލުން ނެރުމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާ އިން މަސައްކަތް ކުރަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަލުން މަސައްކަތަށް ނެރެނީ ކުރިން ފޫޅުމަޔަކަށް އުޅުމުގެ އިތުރުން އެކަމުގެ ސަނަދު ވެސް ލިބިފައިވާ ފަރާތްތައް ކަމަށެވެ.

"... ފޫޅުމައި ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތާ ގުޅިގެން 90 ފަރާތަކުން އެ މަގާމަށް ކުރިމަތިލާފައިވޭ. މީގެ ތެރެއިން ގާނޫނީ ގޮތުން ސިވިލް ސާވިސްގެ ވަޒީފާ ހަމަޖެއްސެން ހުރި 47 ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ފޫޅުމައިންގެ ޒިންމާތައް ވެސް އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވާ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އެ މުވައްޒަފުން ކުރަމުން ގެންދާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހިނގަމުންދާ ޕަބްލިކް ހެލްތު ޔުނިޓުތަކުން ކުރިއަށް ގެންދާ އާންމު ސިއްހަތުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ދަރިމައިވުމުގެ ސިއްހަތު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތް،" ހެލްތުން ބުނެފައިވެ އެވެ.

ފޫޅުމުގައި ކަމުގެ ވަޒީފާއަށް ހުޅުވައިލުމުން ކުރިމަތިލާފައިވާ 55-65 އަހަރުގެ މީހުންނަށް ވެސް ވަޒީފާ ހަމަޖެއްސޭތޯ އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.