ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައްޒިފުންނަށް ސިޔާސީ ޕާޓީއެއްގެ އެއް ވެސް މަގާމެއް އަދާނުކުރެވޭ ގޮތަށް ސިވިލްސާވިސްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަހްމަދު މަނިކު ހުށަހެޅުއްވި ބިލާ ބެހޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ، އެ އިސްލާހަކީ ސިވިލް ސާވިސްގެ ގާނުނުގެ 53 ވަނަ މައްދާއަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.

"ސަރުކާރުގެ ފަރާތުން ސިވިލްސާވިސްގެ ގާނުނުގެ 53 މައްދާއަށް މި ހުށަހަޅާ އިސްލާހަކީ ސިވިލް ސާވަންޓުންނަށް ސިޔާސީ ޕާޓީ ތަކުގައި ހަރަކާތްތެރި ވެވޭނެ އުސޫލްތައް ކަނޑައެޅުމުގެ އިސްލާހެއް. މިހާރު އަމަލު ކުރަމުންދާ ސިވިލް ސާވިސްގެ ގާނުނުގެ އެ މާއްދާ ސްޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައި،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އޭނާ ހުށަހެޅި އިސްލާހުގައި ސިވިލް ސާވަންޓުންނަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނެ ހަމަތަކާއި އުސޫލްތައް ކަނޑައެޅިފައި ވާނެ ކަމަށެވެ. އެގޮތުން އޭނާ ހުށަހެޅި އިސްލާހުގައި ވާ ގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒިފަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް އަދާނުކުރެވޭނެ ކަމަށެވެ. އަދި އެ އިސްލާހުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒިފަކަށް ޕާޓީއެއްގެ މެންބަރުކަން ފިޔަވައި އެހެން އެއް ވެސް މަގާމެއް ނުވަތަ އެހެން ގޮތަކަށް ވެސް ހަރަކާތްތެރި ނުވެވޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.


"ސިވިލް ސާވިސްގައި ދެމިހުރިހައި ހިނދަކު ސިޔާސީ ޕާޓީއެއްގެ މެންބަރުކަން ފިޔަވައި ސިޔާސީ ޕާޓީއެއްގެ އެއް ވެސް މާގާމެއް އަދާކުރުން ނުވަތަ ސިޔާސީ ޕާޓީއެއް އުފެއްދުން އަދި ހުށަހަޅާ ފަރާތަށް ވުން،" ސިވިލް ސާވިސްގެ މުވައްޒިފަކަށް ސިޔާސީ ޕާޓީއެއްގައި ހަރަކާތެރި ނުވެނޭނެ އުސޫލުތައް ކަނޑައަޅައި ސިވިލްސާވިސް ގާނޫނަށް އަމީތު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވެއެވެ.

ސިވިލްސާވިސްގެ ގަނޫނަށް އެ އިސްލާޙު ހުށަހެޅުއްވި ސަބަބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ އެ އިސްލާޙު ހުށަހަޅަން ޖެހުނީ ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރާ އެއްވެސް މުއައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެކަމަށް، މިހާރު އަމަލުކުރަމުންދާ ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައި ވީ ނަމަވެސް، އެ މާއްދާއަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއާއި ތައާރަޒްވާ މާއްދާއެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައި އެމާއްދާ ބާތިލް ކޮށްފައި ވާތީ ކަމަށެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނުނުގެ 53 ވަނަ މާއްދާއަކީ ގާނޫނު އަސާސީއާ ތަޢާރުޒްވާ މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ ސްޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.