11 Jun 2014, 14:10
ރާއްޖޭގެ ރަށްރަށުގައި އެކަށީގެންވާ ނަރުދަމާގެ ނިޒާމަކާއި ފެނުގެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބަޖެޓުގައި ހިމަނައިގެން މިއަހަރު ނިމެންވާއިރަށް 33 ރަށެއްގެ ނަރުދަމާއާއި 13 ރަށެއްގެ ފެނުގެ ނިޒާމު ގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ފަރުމާ ކުރުމަށް ރާވާފައި ވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 30 ރަށެއްގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތާއި، ފަސް ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި 2014 ވަނަ އަހަރު ނިމެންވާއިރަށް މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން 33 ރަށެއްގެ ނަރުދަމާގެ ނިޒާމާއި 13 ރަށެއްގެ ފެނުގެ ނިޒާމު ޑިޒައިން ކުރުމަށް ރޭވިފައި ވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ސާފު ބޯފެނާއި އެކަށީގެންވާ ނަރުދަމާގެ ހިދުމަތަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭން ޖެހޭ އަސާސީ ހިދުމަތެއް ކަމަށާއި، އެފަދަ ނިޒާމުތަށް ގާއިމް ކުރުމަށް ގިނަގުނަ ގޮންޖެހުންތަށް ހުރި ކަމަށެވެ. ނަމަވެސް މަޝްރޫތަށް ހިންގުމާއި ހިދުމަތް ކަށަވަރު ކޮށްދިނުމަށްޓަކައި ބޭރުގެ އެހީއާއި ބައެއް އަމިއްލަ ފަރާތްތަކާއި ދައުލަތުގެ ބަޖެޓުން ފައިސާ ހިމަނައިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ބޭރުގެ ލޯނު އެހީއާއި އަމިއްލަ ފަރާތްތަކުގެ އެހީގައި 17 ރަށެއްގެ ނަރުދަމާގެ ނިޒާމާއި 13 ރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.