11 Jun 2014, 13:56
މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ބްރެޒިލް އާއި ކްރޮއޭޝިޔާ ވާދަކުރާ މެޗަށް އިންސާފު ކުރާނީ ޖަޕާނުގެ ޔުސިޗީ ނިޝިމޫރާ އެވެ. ނިޝިމުރާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހޮލެންޑް އަތުން ބަލިވެ ބްރެޒިލް މުބާރާތުން އަލްވަދާއު ކިއި މެޗްގެ ރެފްރީ އަކީ ވެސް ނިޝިމުރާ އެވެ.
ގުރޫޕް ބީގައި ސްޕެއިން އާއި ނެދަލެންޑްސް ވާދަކުރާ މެޗުގެ ރެފްރީއަކަށް ނުކުންނީ އިޓަލީގެ ނިކޮލާ ރިޒޯލީ އެވެ. ނިޝިމުރާއާ އެކު ފުރަތަމަ މެޗުގައި ރޮނގު ބަލަހައްޓާނީ ޖަޕާނުގެ ތުރޯ ސަގާރާ އާއި ޓޮޝިކީ ނަގީއެވެ. އަދި ހަތަރުވަނަ އޮފިޝަލަކަށް ހުންނާނީ އީރާންގެ އަލީ ރިޒާ ފަގްހާނީ އެވެ.
އުމުރުން 42 އަހަރުގެ ނިޝިމޫރާ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަތަރު މެޗެއް އިންސާފު ކޮށްދީފައި ވެއެވެ. އޭގެތެރެއިން އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ބްރެޒިލް އާއި ހޮލެންޑް ވާދަކުރި މެޗު ފާހަގަކޮއްލެވެ އެވެ. އެ މެޗުގައި ބްރެޒިލްގެ ޕިލެޕޭ މެލޯއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައި ވެއެވެ. އެ މެޗުން ބްރެޒިލް ބަލިވެ މުބާރާތުން ކެޓީ 2-1 ލަނޑުންނެވެ.
ނިޝިމުރާ އަކީ އެންމެ ފަހުން ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ރެފްރީންގެ ފުރުސަތު ލިބުނު ފަސް ރެފްރީންގެ ތެރެއިން ރެފްރީއެކެވެ. މިފަހަރުގެ ވޯލްޑްކަޕަށް ފީފާއިން 25 ރެފްރީން ހޮވާފައި ވެއެވެ.