މާދަމާ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ ޔުރުގުއާއީ ޓީމުގެ ތަރި ލުއިސް ސުއަރޭޒް ފިޓްވާނެ ދުވަހެއް ނޭނގޭ ކަމުގައި އެ ޓީމުގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ލިވަޕޫލްއަށް ކުޅޭ ސުއަރޭޒްގެ ވާތު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ މަހު 22 ވަނަ ދުވަހު އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް ސުއަރޭޒަށް ލިބުނު އަނިޔާއިން ސަލާމަތްވެ ކުޅުމަށް އާދެވޭނެ ދުވަހެއް އަދި ވަނީ ޔަގީން ނުވެފައެވެ.

"އަހަރެމެންނަކަށް ސުއަރޭޒްއަށް ވޯލްޑް ކަޕުގެ މެޗެއްގައި ބައިވެރިވެވޭނެ ދުވަހެއް އަދި ނޭނގޭ،" ކޯޗު ޓަބަރޭޒް ބުންޏެވެ. "އަދި އޭނާ މުޅިން ފިޓެއް ނޫން. އޭނާ ފިޓް ނުވާ ނަމަ، ފިޓް ވަންދެން މަޑުކުރަން ޖެހޭނެ."

ސުއަރޭޒްގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޔުރުގުއާއީ ޓީމާއި ވަކިންނެވެ. ތިން ޓްރެއިނިން މުވައްޒަފުންގެ ބެލުމުގެ ދަށުގައި އޭނާ ފަރިތަކުރާ އިރު، އަނިޔާވެފައިވާ ވާތު ފަޔަށްވުރެ ބޮޑަށް ބޭނުން ކުރަނީ ކަނާތު ފަޔެވެ. އޭނާ ފަރިތަކުރާ އިރު، އާދައިގެ ޕާސްތަކެއް ކޮށް، ހަމަލާތައް އުފައްދަނީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ޔުރުގުއާއީ ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގައެވެ.