މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 59.9 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މޭ މަހު އާމްދަނީގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 500 މިލިއަން ރުފިޔާ އެވެ. އަދި އެއީ މިރާ އިން މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ ވެސް 5.9 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އަށް މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ އަދަދު 38.7 މިލިއަން ޑޮލަރަށް އަރަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 342 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 54 މިލިއަން ރުފިޔާ ލިބިފައިވާ އިރު ޓޫރިޒަމް ޓެކުސް އަށް 80 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެ ހުރިހާ ދާއިރާއަކުން ވެސް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މާޗު މަހަށް ވުރެ މަތިވެފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް 4.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 3.6 ބިލިއަން ރުފިޔާ އެވެ.