މާދަމާ ރޭ ފަށާ ވޯލްޑް ކަޕަށް ނެދަލޭންޑްސް ނުކުންނަ އިރު، އެންމެ ފަހުގެ ވޯލްޑް ކަޕުގެ ހިތި ހަނދާންތައް ނުފިލާ ކަމުގައި އެ ޓީމުގެ ދެ ތަރިން ކަމަށްވާ ވެސްލީ ސްނެއިޑާ އާއި އާޔެން ރޮބެން ބުނެފި އެވެ.

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި އޮރެންޖްގެ ނަމުން މަޝްހޫރުވެފައިވާ ނެދަލޭންޑްސް ބަލިވެ، އެ ޓީމުގެ ކުޅުންތެރިންގެ ހިތް ފަޅައިގެން ދިޔައީ މެޗުގެ 116 ވަނަ މިނެޓްގައި އަންދްރޭސް އިނިއެސްޓާ ސްޕެއިން އަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިހާތަނަށް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިފައި ނުވާ ނެދަލޭންޑްސް ތިން ފައިނަލެއްގައި ވާދަކޮށް ނާކާމިޔާބުވެފައި ވެއެވެ. އެއީ 2010، 1978 އަދި 1974 ވަނަ އަހަރު ވޯލްޑް ކަޕުގައެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި ނެދަލޭންޑްސް ހިމެނިފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕްގެ އެންމެ ފުރަތަމަ މެޗުގައި މި ދެޓީމް ނުކުންނަ އިރު، ފައިނަލަކީ ދުވަހަކު ވެސް ހަނދާނުން ފުހެވިގެން ނުދާނެ މެޗެއް ކަމުގައި ނެދަލޭންޑް ތަރި ސްނެއިޑާ ބުނެ އެވެ.

"ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލަކީ އަހަރެންގެ ކެރިޔަރުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ،" އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ. "އެ މެޗުގައި އަހަރެންނަށް ވޯލްޑް ކަޕް ތަށި ކުރިމަތިން ހިނގާލެވުނު. ނަމަވެސް އޭގައި އަތެއް ނުލެވުނު. މެޗުގައި އަހަރެމެން ނާކާމިޔާބު ވެގެން ދިޔައީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް."

ވޯލްޑް ކަޕް 2010ގެ ފައިނަލުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނު ކުޅުންތެރިޔަކީ ނެދަލޭންޑްސްގެ ރޮބެން އެވެ. އެ މެޗުގެ 62 ވަނަ މިނެޓްގައި ރޮބެންއަށް ލިބުނު ފުރުސަތު ނާކާމިޔާބުވި އިރު، މެޗުގެ ނަތީޖާއަކީ 0-0 އެކެވެ.

"ނާކާމިޔާބީ އަކީ ކޮންމެ ސްޕޯޓްސްމަނެއްގެ ކެރިޔަރުގައި އަންނާނެ ކަމެއް،" ނެދަލޭންޑްސްގެ ވިންގާ ބުންޏެވެ. "އަހަރެންނަށް ގެއްލުވާލެވުނު ހުސް ފުރުސަތުގެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ. އަހަރެމެންނަށް އެ މުބާރާތް ކާމިޔާބު ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނު. އަހަރެންގެ ހިތުގައި އަދިވެސް އެ ތަދު އެބަހުރި. އެއީ ވެ ނިމިފައިވާ ކަމެއް. ދެން އަހަރެމެންނަށް އެކަމަށް އެއްވެސް ކަމެއް ނުކުރެވޭނެ."

ސްޕެއިންއާ ދެކޮޅަށް ނެދަލޭންޑްސް ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގައެވެ.