މާދަމާރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން އަޔަލޭންޑާ ދެކޮޅަށް ޕޯޗުގަލް ރޭ ކުޅުނު މެޗް 5-1 ލަނޑުން ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފި އެވެ.

މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް ޖީ ފަޅީގައެވެ. މިފަޅީގައި ދެން ހިމެނޭ ޓީމް ތަކަކީ ޖަރުމަނާއި ގާނާ އަދި އެމެރިކާ އެވެ.

މުބާރާތުގައި ފޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ރޭ އެމެރިކާގައި ޕޯޗުގަލް ކުޅުނު މެޗުގައި އެޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ގޯލް ކާމިޔާބު ކޮށްދިން ފޯވާޑް ހޫގޯ އާއި ވިއެރީނިއާ އަދި ފަބިއޯ އެވެ. އަދި އަޔަލޭންޑްގެ ރިޗާޑް ކިއޮގް އަތުން ބައިކޮޅަށް ވެސް ރޭ ވަނީ ލަނޑެއް ވަދެފައެވެ.

ރޭގެ މެޗުގައި ޕޯޗުގަލް ކޮޅަށް އަޔަލޭންޑުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޖޭމްސް އެވެ.

ރޭގެ މެޗަށްފަހު ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ ބުނީ، އަނިޔާގައި ހުރުމަށްފަހު ކެޕްޓަން ކްރިޓިއާނޯ ރޮނާލްޑޯ ރޭ ކުޅެން ނުކުތުމުން ޓީމުގެ ކުޅުންތެރިންނަށް ހިތް ވަރެއް ލިބުނު ކަމަށާއި ފާއިތުވި ދެމެޗުގައި އޭނާ ދަނޑުމަތިން ފެނިފައި ނުވަނީ ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އަދި ރޭގެ މެޗުގެ ފުރަތަމަ 11ގައި ރޮނާލްޑޯ ކުޅުނު ކަމުގައި ވިޔަސް، މެޗުގެ ދެ ވަނަ ހާފުގައި ރޮނާލްޑޯ ބަދަލުކުރަން ޖެހުނީ އަދިވެސް އޭނާ މުޅިން ފިޓް ނުވާތީ ކަމަށް ކޯޗް ޕައުލޯ ބުންޏެވެ.