މިހާރު ކުރިއަށްދާ އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުނު އިންޑިއާ ގައުމީ ޓީމުގެ މިޑްފީލްޑަރު ބެމްބެމް ދޭވީ ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ ބެމްބެމް ރާއްޖެ އައީ މިއަދު ހެނދުނު އެވެ. މި މުބާރާތުގައި މިއަަދު ހަވީރު ޕޮލިސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ބެމްބެމް ފެނިދާނެ ކަމުގައި އެ ޓީމުގެ ކޯޗު އަހްމަދު ނިޔާޒު 'ސަން' އަށް މައުލޫމާތު ދެމުން ބުންޏެވެ.

އިންޑިއާގެ އަންހެން ގައުމީ ޓީމަށް ކުޅެމުން އަންނަ ބެމްބެމް ވަނީ އެ ޓީމަށް ކުޅުނު 11 މެޗުން 18 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާ އަކީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު އަދި އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ. ބެމްބެމްގެ އިތުރުން ނިއު އަށް ކުޅޭ 19 އަހަރުގެ ޑިފެންޑަރު ލަކޯ އަކީ ވެސް އިންޑިއާ ގައުމީ ޓީމަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބާއި ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނާނީ މިއަދު ހަވީރު 4:15 ގައެވެ. މި މެޗު ކުޅޭނީ ލައިފް ބޯއީ ޓާފް ދަނޑުގައެވެ.