ރާއްޖޭގައި ޓެލެސްޓްރިއަލްކޮށް ޓީވީ ޗެނަލްތަކުގެ ހިދުމަށް ދެމުންގެންދިޔަ އަމިއްލަ ފަރާތެއް ކަމުގައިވާ އެޓޯލް ޓެލެވިޒަންއިން ކޮމިއުނިކޭޝަން އޮތޯރިޓީއަށް ދައްކަން ޖެހޭ ދެ އަހަރުގެ ފީ ނުދެއްކުމުން އެ ކުންފުންޏަށް ދޫކޮށްފައި އޮތް ޓެލެސްޓީރިއަލް ލައިސެންސް ބާތިލްކޮށްފި އެވެ.


ކޮމިއުނިކޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ނާފިހު މިއަދު ވިދާޅުވީ ރިސީވަރެއް މެދުވެރިކޮށް ޓެލެސްޓީރިއަލްކޮށް ލޯކަލް ހަތަރު ޓީވީ ޗެނަލެއްގެ ހިދުމަށް ދެމުންގެންދިޔަ އެޓޯލް ޑެލެވިޒަނަށް އެ އޮތޯރިޓީން ދޫކޮށްފައި އޮތް ލައިސެންސް މިދިޔަ އަހަރުގެ ޑިސެންބަރު، 31، ގައި ބާތިލްކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ބާތިލް ކުޒަން މުޖުބޫރުވީ ކޮމިއުނިކޭޝަން އޮތޯރިޓީއަށް ދައްކަން ޖެހޭ ދެ އަހަރުފީ ދެއްކުމަށް އެތައް ފަހަރެއްގެ މަތިން ނަސޭހަތްތެރިވުމަށް ފަހުގައި ކަމަށެވެ. އެގޮތުން ނިމިގެންދިޔަ 2010 ވަނަ އަހަރުގެ ފީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ނުދައްކައި އޮތް އިރު، މި އަހަރު ފެށުނު އިރު 2011 އަހަރަށް ދައްކަން ޖެހޭ ފައިސާގެ މުއާމަލާތަކާ ބޭހޭ ގޮތުން އެއްވެސް ޖަވާބެއް އެޓޯލް ޓެލެވިޒަންއިން ދީފައިނުވާ ކަމަށް މުހައްމަދު ނާފިހު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެޓޯލް ޓެލެވިޒަންގެ ލައިސެންސް ބާތިލް ކުރިކަން ލިޔުމަކުން އެފަރާތައް އަންގާފައިވާނެ ކަމަށެވެ.


ރިސީވަރެއް މެދުވެރިކޮށް 2008 އަހަރުން ފެށިގެން އެމްއެންބީސީ ވަން، ޔޫތު ޓީވީ، ވިލާ ޓީވީ، ފިއުޗާ ޓީވީ އަދި މިހާރު މާލޭ ޓީވީގެ ހިދުމަތް ދެމުންގެދިޔަ އެޓޯލް ޓެލެވިޒަނާ އެކު "މީޑިއާ ރިންގް" މިދިޔަ އަހަރު މެދުތެރޭގައި ވެފައިވާ އެއްބަސްވުމާ އެކު އެ ޗެނަލްތައް ދޫކުރަމުންދަނީ މީޑިއާ ރިންގް އިންނެވެ.


އެ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ފަޔާޒު މިއަދު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން އެތޯރިޓީ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުނީ މީޑިއާ ރިންގް އިން އެ ޗެނަލްތައް ޓެލެސްޓްރީއަލްކޮށް ދޫކުރަން ހަވާލުވީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމަށް ވުމާ އެކު، މި ދަނޑިވަޅުގައި މާލީ ގޮތުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށެވެ.


މުހައްމަދު ނާފިހު ވިދާޅުވީ ލައިސެން ބާތިލް ކުރި ފަހުން ވެސް ޓެލެސްޓްރީއަލްކޮށް އެ ޗެނަލްތައް ދޫކުރަމުންދިޔަ ކަމަށާއި ނަމަވެސް ރެއިން ފެށިގެން އެ ހިދުމަށް މެދުކަނޑާލައިފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ ލައިސަންސް ބާތިލް ކުރުމާ ގުޅިގެން، ފްރިކުއެންސީ ލައިސަންސްތައް ދެން ދޫކުރާނީ އަލަށް އުފައްދާ ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށެވެ.