11 Jun 2014, 13:19
ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިގެން އެމްއޭ ރެފްރީސް ކޯހެއް ފަށައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އެފްއޭއެމްގައި ފެށި މި ކޯހުގައި ޖުމްލަ 30 ރެފްރީން ބައިވެރި ވެފައި ވެއެވެ. ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ އެފްއޭއެމްގެ ކުރީގެ ރައީސް އަބްދުލް ޝުކޫރެވެ.
މި ކޯހަކީ މިހާރުވެސް ރެފްރީކަން ކުރަމުންދާ ފަރާތްތަކަށް ފުޓްބޯޅައިގެ ގަވާއިދަށް އަންނަ ބަދަލުތައް އަންގައިދީ ރެފްރީންގެ ފެންވަރާއި ގާބިލްކަން އިތުރުކުރުމަށް ބާއްވާ ކޯހެއް ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.
މި ކޯހުގައި ބޭރުގެ ތަޖުރިބާކާރު ދެ އިންސްޓްރަކްޓަރަކު ކިޔަވާ ދެއްވައެވެ. އެއީ އުޒްބަކިސްތާނުގެ ރެފްރީ އިންސްޓްރަކްޓަރެއް ކަމަށްވާ ފަރުހާދު އަބްދުﷲ އާއި މެލޭޝިޔާގެ އިންސްޓްރަކްޓަރެއް ކަމަށްވާ އަހުމަދު ޚާލިދީ އެވެ.
ރާއްޖޭގެ ތަޖުރިބާކާރު ސީނިއާ ރެފްރީން ކަމަށްވާ މުހައްމަދު ސައީދާއި އަލީ ސަލީމް އަދި އަބީރު އިސްމާއިލް ވެސް ބައެއް ސެޝަންތައް ނަންގަވައިދެއްވާ ގޮތަށް ހަމަޖައްސާފައި ވާ ކަމަށް އެފްއޭއެމުން ބުންޏެވެ. އޭގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރެފްރީސް ޑިރެކްޓަރު އަދި އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް އިޒްހާން ވެސް ބައެއް ސެޝަން ނަންގަވާނެ ކަމަށް އެއިދާރާއިން ބުންޏެވެ.
އެފްއޭއެމުން ބުނީ މި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިލް ޝެޝަލްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށެވެ.