އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ރާއްޖޭގައި ކަނޑައެޅުމުގެ ބިލް ފާސްވުމުން ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިސްވެސްޓް ކުރުމަށް ޝައުގުވެރިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓަރުންނަށް ހާއްސަ ގާނޫނުތަކެއް ނެތުމުގެ ސަބަބުން އިސްވެސްޓަރުން ރާއްޖެއާ މެދު ބީރައްޓެހިވަމުން އަންނަ ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިގްތިސާދީ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ ބިލްގެ ސަބަބުން އިސްވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ނަތީޖާ އަކަށް ވެގެންދާނީ ﷲ އިރާދަފުޅުން ރާއްޖެއަކީ ބޮޑެތި އިސްވެސްޓަރުން އިންވެސްޓްކުރުމަށް ފަހި ގައުމަކަށް ވެގެން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ބިލުގެ އަމާޒަކީ ރާއްޖޭގައި ނެތް ވިޔަފާރިތައް ތައާރަފް ކުރުން ކަމަށެވެ. މަހެއްހާ ދުވަސް ތެރޭގައި އެ ބިލް ފާސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޖިސްޓާ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް ވިދާޅުވީ އެ ބިލުގެ ސަބަބުން "އޯފްޝޯ ފައިނޭންޝަލް ސެންޓާ"ތައް ގާއިމު ކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން އިންވެސްޓަރުންނަށް ފައިނޭންސް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާވެފައިވާ ސިނާއަތަކީ ޓޫރިޒަމް ކަމަށާއި އެ ސިނާއަތު 40 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްގީވެ، ރާއްޖެ އަށް ބޭރު ފައިސާ ލިބުމުގެ މައި ދޮރޯއްޓަކަށް ޓޫރިޒަމް ވެފައިވާ ކަމަށެވެ. ނަމަވެސް ސައީދު ވިދާޅުވީ ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރުމަށް ވެސް އެކޮނަމިކް ހާއްސަ ޒޯންތަކެއް ތަރައްގީ ކުރުން މުހިންމު ކަމަށާއި އޭރުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ޓޫރިޒަމަށް ކުރާ އިރު އެކަން ފޫބައްދަން ތަފާތު އިންޑަސްޓްރީތައް ހުންނާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަން ކުރެވޭނީ ދުބާއީ އާއި ސިންގަޕޫރު އަދި ހޮންގްކޮންގް ފަދަ ގައުމުތަކުގެ ބަދަލުގައި ރާއްޖޭގައި އިންވެސްޓްކުރަން ޖެހޭ ކަން އިންވެސްޓަރުންނަށް ޔަގީންކޮށްދީގެން ކަމަށެވެ. އަދި އިގްތިސާދީ ހާއްސަ ސަރަހައްދުތަކާ ބެހޭ ބިލުގައި އިނާޔަތްތަކާއި ލުއިތައް ހިމަނާފައި ވަނީ އެ ސަބަބަށް ޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގައި، ހާއްސަ އެކޮނަމިކް ޒޯން ތަރައްގީކުރާ އިރު، އެ ޒޯނެއް ހިންގުމަށް ނުވަތަ ތަރައްގީކުރުމަށް ނުވަތަ އޮޕަރޭޓް ކުރުމަށް ނުވަތަ ބެލެހެއްޓުމަށް ނުވަތަ ކުރިއެރުމަށް އެތެރެކުރާ ކެޕިޓަލް ގުޑްސް އަށް އިމްޕޯޓް ޑިއުޓީ ދެއްކުން މާފުކުރުމާއި ވިޔަފާރީގެ ފައިދާ އިން ޓެކްސް ދެއްކުން މާފުވުމާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރު މާފުވުން ހިމެނެ އެވެ.