ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ވަޒީފާ އިން ވަކި ކުރުމަށް ޖުޑިސަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ފަތުރަމުންދާ ހަބަރުތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ޖޭއެސްސީގެ މީޑިޔާ އޮފިޝަލް ހަސަން ޒަހީން "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ ޝަރީފް ވަޒީފާ އިން ވަކި ކުރުމަށް އެކޮމިޝަނުން ނިންމާފައިނުވާ ކަމަށެވެ.

ހައިކޯޓުގެ ހަތް ފަނޑިޔާރުން ސޮއި ކުރައްވާ، އެ ކޯޓުގެ އިސް ފަނޑިޔާާރާ ދެކޮޅަށް ޖޭއެސްސީ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޝަރީފް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ޖޭއެސްސީގެ އެ ނިންމުން ބާތިލުކޮށްދިނުމަށް ސިވިލް ކޯޓަށް ޝަރީފް މައްސަލަ ހުށަހެޅުމުން ޖޭއެސްސީގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޝަރީފް ސަސްޕެންޓް ކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ކޮމިޝަނުން ބުނީ ޝަރީފް ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނީ 2012 ވަނަ އަހަރުގެ މެއި މަހު ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.