ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި "ވީއޭއެމް ޕްރެޒިޑެންސްޓް ކަޕް"ގެ ޗެމްޕިއަން ކަން ޕޮލިސް ކުލަބުން ހޯދައިފި އެވެ.

ޕޮލިސް ކުލަބް ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އިމިގްރޭޝަންއާ ވާދަކޮށް ތިން ސެޓް ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ދެ ސެޓް 25-21 އަދި 25-18 އިން ޕޮލިސް ކާމިޔާބު ކޮށްފައިވަނިކޮށް އިމިގްރޭޝަންގެ ޓީމުން އިތުރު ހިތްވަރެއްލައި ކުޅުމުގެ ނަތީޖާއަކަށްވީ ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓް 23-25 އަދި 24-26 އިން އިމިގްރޭޝަން އިން ކާމިޔާބު ކުރުމެވެ. ނަމަވެސް ފަސްވަނަ ސެޓް ޕޮލިސް ކްލަބުން ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ.

ރޭ ކުޅުނު ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ސްޕައިކަރުގެ މަގާގް ހޯދީ ޕޮލިސް ކްލަބްގެ ކެޕްޓަން ހައްވަ އެވެ. އެންމެ މޮޅު ސާވަރުގެ މަގާމް ޕޮލިސް ކްލަބްގެ ޒީނިއާ ހޯދި އިރު އެންމެ މޮޅު ބްލޮކަރުގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ ހަދީޖާ އެވެ.

ޗެމްޕިއަން ޕޮލިސްޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރޭގެ މެޗުގެ ޝަރަފްވެރި މެހެމާން ޔޫތު މިނިސްޓްރީގެ ނައިބު ޝާހް އިސްމާއީލް އެވެ.