ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުގައި އިއްޔެ ކުވެއިތުއާ ދެކޮޅަށް ކުޅުނު މެޗުން 57 ލަނޑުން ބަލިވެއްޖެ އެވެ.

އިއްޔެގެ މެޗުގެ ޓޮސްދިމާވުމުން ރާއްޖޭގެ ކެޕްޓަން ގަސްދުކުރީ ހޮވުމަށެވެ. ކުވެއިތު ކުޅެންއަރާ 47 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 153 ލަނޑެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް އުކީ 21 ލަނޑަށް ތިން ވިކެޓްނެގި އަހްމަދު ހަސަންއާއި 27 ލަަނޑަށް ތިން ވިކެޓް ނެގި އަބްދުﷲ ޝާހިދު އެވެ. މީގެ އިތުރުން ސާފީ ސައީދު 25 ލަނޑަށް އެއް ވިކެޓް، މުހަންމަދު މަަހަފޫޒު 22 ލަނޑަށް އެއްވިކެޓް، އަހްމަދު ހަސަން 30 ލަނޑަށް އެއް ވިކެޓް، އަހްމަދު އުމަރު ދެވަަނަ އޯވަރުގައި އިންޖަރީ ވުމަށް ފަހު މެޗްގައި އިތުރަށް ބައިވެރި ނުވެވުނެވެ.

ޖަވާބުގައި ރާއްޖޭގެ ޓީމް ކުޅެންއަރާ 28 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. މިއިނިންގްސްގައި ރަނގަޅު ކުޅުމެށް ދެއްކުނީ 30 ލަނޑު ހެދި މުހަންމަދު ރިސްވާންއާއި 12 ލަނޑުހެދި މުހަންމަދު މަހަފޫޒާއި އަބްދުﷲ ޝާހިދު އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ހަތަރު ވަނަ މެޗުގައި މިއަދު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ރާއްޖެ އަންނަ ހުކުރު ދުވަހު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނު އަތުން މޮޅުވި އިރު ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ ބަހުރޭނާ ބައްދަލުކޮށެވެ.

ހަ ގައުމު ވާދަ ކުރާ ލީގުގެ އެއްވަނާގައި މިހާރު އޮތީ ހަ ޕޮއިންޓާ އެކު ސައުދީ އަރަބިއްޔާ އެވެ. ރާއްޖެ އާއި ސިންގަޕޫރާއި ކުވެއިތު ހަތަރު ޕޮއިންޓާ އެކު އޮތީ ދެ ވަނައިގަ އެވެ.