އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމް ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނަހުލާ އަލީ އަށް ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ދެއްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނަހުލާ ބަލަހައްޓަވާނީ އެ މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓް ކަމަށާއި ހާއްސަކޮށް މީޑިއާ ގުޅޭ ކަންކަން ބަލަހައްޓަވާނީ ނަހުލާ ކަމަށެވެ.

ނަހުލާ ވިދާޅުވީ އޭނާ މަސައްކަތަށް ނުކުންނެވީ މިދިޔަ ބުދަ ދުވަހު ކަމަށާއި އެ މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓްގެ ހެޑްގެ ގޮތުގައި މީޑިއާ ގުޅުން ރަނގަޅުކޮށް ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރެެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕޮލިޓިކްސް އެންޑް އިކޮނަމިކްސް އިން މާސްޓާސް ހައްދަވާފައިވާ ނަހުލާ ސިޔާސީ ދާއިރާ އަށް ވެންނެވީ ޕީޕީއެމް ތެރެއިންނެވެ. އޭގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ކުރެއްވި އެވެ.

މި އަހަރު ކުރީކޮޅު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް ނަހުލާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެެއްވި އެވެ. ނަމަވެސް އެ ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި އަހުމަދު ނާޝިދުގެ އަތުން ނަހުލާ ވަނީ ބަލިވެފަ އެވެ.