11 Jun 2014, 10:35
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައި އޮތް ރަސްމީ ދަތުރުފުޅު ފަސްކުރެއްވީ ދެ ގައުމުގެ ސަލާމަތީ ބާރުތަކުން އެގޮތަށް އިރުޝާދު ދިނުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ޢަލީ މިއަދު ސަންއަށް ވިދާޅުވީ ރައީސްގެ ދަތުރުފުޅުގެ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަރާޗީގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދެގައުމުގެ ސަލާމަތީ ބާރުތަކުން ވެސް އިރުޝާދުދީފައި ވަނީ އެގޮތަށް ކަމަށެވެ.
"... ރައީސްގެ ދަތުރުފުޅު ކުޑަތަން ވެފައި ވާތީ ދަތުރުފުޅުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަވާ ރާއްޖޭގެ ބޭފުޅުން ވެސް ތިއްބެވީ ޕާކިސްތާނުގައި. ދެން އެބޭފުޅުން ވެސް ލަފާ އަރުއްވާފައި ވަނީ މިއީ ދަތުރުފުޅު ކުރައްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް. ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވެސް ލަފާ ދެއްވާފައި ވަނީ އެގޮތަށް،" މުއާޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅު ދެން ކުރައްވާނެ ތާރީހެއް ދެބޭފުޅުން މަޝްވަރާ ކުރެއްވުމަށް ފަހު ކަނޑައަޅުއްވާނެ ކަމަށެވެ.
ޕާކިސްތާނުގެ ވިޔަފާރީގެ މަރުކަޒީ ރަށެއް ކަމަށްވާ ކަރާޗީގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް އެގައުމުގެ ތާލިބާނު ޖަމާއަތުން ވަނީ އިއްޔެއާއި އިހަށް ދުވަހު ޓެރަރިސްޓް ހަމަލާތަކެއް ދީފައެވެ. އެގޮތުން އާދީއްތަ ދުވަހު ދިން ހަމަލާގައި، އެހަމަލާގައި ބައިވެރިވި ތާލިބާނުންނާ އެކު ޖުމްލަ 37 މީހުން ވަނީ މަރުވެފައެވެ.