އިއްޔެ ހަވީރު ހދ. ނޮޅިވަރަމްފަރު ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލައިގެން އޮޔާ ގެންދިޔަ އެ ރަށު މަސް ދޯނި އަދި ވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ހުސެއިން އަލީ ވިދާޅުވީ ގެއްލުނު "ނަސްރު" ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

"ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ. މިހާތަނަށް އަދި އެ ދޯންޏެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ދޯނި ބަންޑުން ޖަހާލާފައި ވަނީ ފަޅަށް ވަންނަން އޮންނަ ކަނޑިންމައިން ނެގި ބޮޑު ރާޅަކާއެކު ކަމަށް އެ ރަށުން ބުނެފައިވެ އެވެ. ދޯނި ބަންޑުން ޖަހާލުމާއެކު ދޯނީގައި ތިބި ހަތް މީހުން ވަނީ ފަތާފައި ރަށަށް އަރައިފައެވެ. އެވަގުތު ދޯނި އޮޔާ ގޮސް ކަނޑަށް ގެއްލުނީ އެވެ.

ދޯނި ބަންޑުން ޖަހާލި ވަގުތު ދޯނީގެ ކެޔޮޅުގެ ބުރަކައްޓަށް ވަނީ ގެއްލުންވެފައެވެ. އޭނާ އަށް ފަރުވާ ދިނުމަށް ނޮޅިވަރަން ސިއްހީ މަރުކަޒަށް އިއްޔެ ގެންދިޔަ އެވެ.

ގެއްލުނު ދޯންޏަކީ 45 ފޫޓުގެ މަސް ދޯންޏެކެވެ. އެ ދޯނި ބަންޑުން ޖަހާލިއިރު، މަސްވެރިކަމުގައި ބޭނި މަސް ވެސް ދޯނީގައި ހުއްޓެވެ.