11 Jun 2014, 10:08
އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްގީކުރައްވާނީ ސަރުކާރާއި ކައުންސިލްތަކާ އަދި ފުލުހުންގެ މުއައްސަސާ ގުޅިގެން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
ގދ. ފިޔޯރީގައި ފުލުހުންގެ ޚިދުމަތް ރަސްމީ ގޮތުން ފައްޓަވައި ދެއްވައި ފިޔޯރީ ޕޮލިސްސްޓޭޝަން ހުޅުވުމަށް އިއްޔެ ފިޔޮރީގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަހީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ޚަރަދުތަކެއް ހިނގާ ޚިދުމަތެއް ކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާގެ މިސްރާބު އަބަދުވެސް ހިފާފައި ހުންނަނީ ލިބިފައި ހުރި ވަޞީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފައި ވީހާ ވެސް ގިނަ ރައްޔިތުންނަކަށް އެންމެ ޚަރަދު ކުޑަނިޒާމަކުން ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން މަސައްކަތް ކުރަމުންދަނީ ޚިދުމަތުގައި މިވަގުތު ތިބި ފުލުހުންގެ ޚިދުމަތް ވީހާ ވެސް ގިނަ ރައްޔިތުންނަށް އަދި ރަށްރަށަށް ލިބޭނެ މަގުތަނަވަސްކޮށް، ޚިދުމަތް ފުޅާ ކުރަމުން ގެންދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ވެސް މަސައްކަތް ކުރަމުން ގެންދަނީ މަދު ވަޞީލަތާއެކުގައި ކަމަށެވެ. އެގޮތަށް ޚިދުމަތް ދެމުންދާ އިރު، އަލަށް ރަށެއްގައި ޚިދުމަތް ފަށާއިރު އެހެން ރަށަކަށް ޚިދުމަތް ދިނުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ހުންނާނެ ކަމަށާއި އެހެންނަމަވެސް މަސައްކަތް ކުރާނީ އެފަދަ ބަދަލެއް ފެނުނަނުދީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދިރިއުޅުމަށާއި އެކިއެކި ބޮޑެތި މަސައްކަތްތައް ކުރުމަށާއި އިންވެސްޓް ކުރުމަށް ރައްކައުތެރި މާޙައުލެއް އޮތްތަނެއްކަން ހުރިހާ ފަރާތްތަކަކަށް ކަށަވަރުކޮށް ދިނުމަށް ވެސް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.