ހިފާފައިވާ ގުދްދު (ޖޫން 11) : އިސްރާއީލުގެ ރައީސް ކަމަށް އެގައުމުގެ ކުރީގެ ވަޒީރެއް ކަމަށްވާ ރޮއިވިން ރިފްލީން އިންތިޚާބުކޮށްފި އެވެ.

ލިކޫޑް ޕާޓީ އަށް ނިސްބަތްވާ އުމުރުން 74 އަހަރުގެ ބޭފުޅެއް ކަމަށްވާ ރޮއިވިން ރިފްލީންއާ އެކު އިސްރާއީލުގެ ވެރިކަމަށް ފަސްބޭފުޅަކު ވާދަ ކުރައްވާފައިވެ އެވެ. ރައީސަކު އިންތިޚާބު ކުރުމަށް ފުރަތަމަ ބޭއްވި ޕާލަމެންޓްގެ ޖަލްސާ އިން އެއްބޭފުޅަކަށް ވެސް ޕާލަމެންޓް މެންބަރުންގެ ދެބައިކުޅަ އެއްބައި ވޯޓު ނުލިބުމުން އިއްޔެ ބޭއްވި ދެވަނަ ޖަލްސާގައި ރިފްލީން އިންތިޚާބުވެ ވަޑައިގަތީ އިސްރާއީލުގެ ޕާލަމެންޓްގެ 120 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ ވޯޓުންނެވެ.
ރިފްލީންއާ އެންމެ ގާތުން ވާދަކުރެއްވީ ކުރީގެ މާލީ ވަޒީރެއް ކަމަށްވާ މާއީރު ޝަތްރީތު އެވެ. ރިފްލީން، އިސްރާއީލުގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ އިރު އެގައުމުގެ މިހާރުގެ ރައީސް ޝަމްޢޫން ޕެރޭޒްގެ އުމުރަކީ 90 އަހަރެވެ. އޭނާގެ ރިޔާސީ ދައުރު އަންނަ ޖުލައި މަހު ހަމަވާނެ އެވެ.

ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ފައިހަރުކޮށްލައިގެން ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާ އެކު އިސްތިއުމާރީ ސިޔާސަތެއް ގެންގުޅޭ އިސްރާއީލަކީ އަރަބި އަދި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރު ކަމަށް ވަނީ ބެލެވިފަ އެވެ. އިސްރާއީލުގެ ރައީސްކަމުގެ މަގާމަކީ ވެރިކަމުގެ ބާރުތައް ނެތް ހަމައެކަނި ޝަރަފުވެރި މަގާމެކެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަންކުރާ އިސްރާއީލުގެ ވެރިކަމުގެ ތަންފީޒީ ބާރުތައް ލިބިފައި ވަނީ އެގައުމުގެ ބޮޑުވަޒީރަށެވެ. (ނޫސްއެޖެންސީތައް)