ދިވެހި ކުންފުންޏެއް ކަމަށްވާ އައިލްޓެކުން ތާނަ ކީބޯޑެއް ރާއްޖޭގެ ބާޒާރަށް ފުރަތަމަ ފަހަރަށް ނެރެފި އެވެ.


ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިންދޭ ދިވެހި އޮރިޖިނަލް އުފެއްދުމެއް ކަން އަންގައިދޭ "މޭޑް އިން މޯލްޑިވްސް" ސެޓްފިކެޓް ލިބިފައިވާ އެ ކީބޯޑަށް ދީފައިވާ ނަމަކީ "ކީބޯޑް ވޮށުފިލާ"އެވެ.


ކީބޯޑް ވޮށުފިލާގައި އެހެން ކީބޯޑްތަކާ ހިލާފަށް ކޮންމެ އިނގިރޭސި އަކުރެއް ކައިރީގައި ތާނައަކުރެއް ލިޔެފައިވާ އިރު ދިވެހިން އާންމުކޮށް ޒިޔާރަތްކޮށްއުޅޭ މުހިންމު ވެބް ސައިޓްތަކަށް ހާއްސަ ފިއްތަކެއް އެ ކީބޯޑުގެ އަރިމަތީގައި ހިމަނާފައިވެ އެވެ. އަދި "ވޮށުފިލާ ފޭވަރިޓް"ގެ ނަމުގައި ހާއްސަ ފިތެއް ވެސް އެ ކީބޯޑުގައި ހިމަނާފައިވެ އެވެ.


އެ ކުންފުނިން ބުނީ އެފަދަ ކީބޯޓެއް ރާއްޖޭގެ މާކެޓަށް ނެރުމުގެ ބޭނުމަކީ ދިވެހި ލިޔުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށާއި ކީބޯޑްގެ ސަބަބުން ގިނައިން ދިވެހި ލިޔާފަރާތްތަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.


އައިލްޓެކްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މަލާހު މިއަދު ވިދާޅުވީ ވޮށުފިލާ ފޭވަރިޓުން ދިވެހި ލިޔުމަށް ބޭނުންކުރާ ބައެއް ސޮފްޓްވެއާ އާއި ދިވެހި ރަދީފު ބޭނުން ކުރެވެން ހުންނާނެ ކަމަށެވެ. އަދި ކުރީގެ އެކްސެންޓް ފައިލްތައް ވެސް ކޮންވާޓް ކުރާނެ ސޮފްޓްވެއާއެއް އެ ބަޓަނުގެ އެހީގައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެން އަދިވެސް އިތުރު ފީޗާސް މި ބަޓަނަށް އެޑް ކުރެވޭތޯ މިބަލަނީ ކުރިއަށް އޮތް ތާންގައި،" މަލާހް ވިދާޅުވި އެވެ.


ނެޝަނަލް ސެންޓަ ފޯ ދި އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގަބޫލުކުރާ އެ ކީބޯޑުގެ އަގަގީ 350ރ އެވެ.


މަލާހު ވިދާޅުވީ މިހާރު ބަދިގެ ޑޮޑްކޮމްއިން އޮންލައިންކޮށް އެ ކީބޯޑަށް އޯޑަރު ކުރުމުން އެ ކީބޯޑު ގޭގެ އަށް ފޮނުވައިދޭނެ ކަމަށެވެ. އަދި ޗާންދަލިޔާ ބުކްސޮޕުން ވެސް އެ ކީބޯޑު މިހާރު ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.