11 Jun 2014, 09:48
އަބްދުﷲ، 23، އަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޝަރީއާ އެންޑް ލޯ ކިޔަވަމުންދާ ދަރިވަރެކެވެ. މިވަގުތު ޔުނިވާސިޓީ ވެސް ސެމިސްޓާ ބްރޭކަށް ޗުއްޓީވެފައި އޮތުމުން އަބްދުﷲ ވެސް ހުރީ ޗުއްޓީގަ އެވެ. އެކަމަކު ޗުއްޓީގެ އެއްވެސް އުފާވެރިކަމެއް އޭނާ އަކަށް ނުލިބެ އެވެ. އަދި ވެސް އަބްދުﷲ އަކަށް މި ސެމިސްޓާގެ ނަތީޖާއެއް ނުލިބެ އެވެ. ޗުއްޓީ ދުވަސްތައް އޭނާ ހޭދަ ކުރަނީ ނަތީޖާއާ މެދު ފިކުރު ކުރުމުގަ އެވެ.
"ޗުއްޓީ ވެސް ޗުއްޓީގެ ގޮތުގައި ހޭދައެއް ނުކުރެވޭ. ނަތީޖާ ނޫން ކަމަކާ އަހަންނަކަށް ނުވިސްނޭ. އެކަމަކު އެކަޑަމިކް ކަލަންޑަރުގައި އޮންނާނެ ވަކި ދުވަސްތަކެއް ކަނޑައަޅައިފައި. އެއާ އެއްގޮތަށް އެއް ކަމެއް ވެސް ގޮސްފިޔާ އެއީ ހަމަ އަޖައިބެއް،" އޭނާ ބުންޏެވެ.
މިއީ ރާއްޖޭގެ ހަމައެކަނި ޔުނިވާސިޓީގެ ކުޑަކުޑަ، އެންމެ މައްސަލައެކެވެ. ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ވަރަށް ގިނަ ޝަކުވާ ހުރެ އެވެ. ލެކްޗަރާއިންގެ މައްސަލަ އާއި އިދާރީ އެކިއެކި މައްސަލަތަކާ މެދު ހިތްހަމަޖެހޭ ދަރިވަރުން މަދޭ ބުނުމަކީ ދޮގަކަށް ނުވާނެހާ ގިނައިން ދަރިވަރުން ޝަކުވާ ކުރެ އެވެ. މީގެ ތެރެއިން ދަރިވަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އިދާރީ ކަންކަން "ހައްދުފަހަނައަޅާ" ވަރަށް ދޯދިޔާވެފައި އޮތުމެވެ.
"ނަތީޖާތައް ލިބުން ލަސްވީމަ ރިސިޓް ހަދަންޖެހޭ ކުދިންގެ އިމްތިހާނު ވެސް ލަސްވޭ. އަހަރުމެންނާ މެދު އަމަލު ކުރާނީ ވަރަށް ހަރުކަށިކޮށް. ފީ ނުދައްކާ އިމްތިހާނެއް ވެސް ނުހެދޭނެ. އެކަމަކު ޔުނިވާސިޓީއާ ހަމައިން އެއްވެސް އުސޫލެއް ނޯވޭ،" ކުރިން ވާހަކަ ދެއްކި އަބްދުﷲ ބުންޏެވެ.
ފަހު އިމްތިހާނަކީ ދަރިވަރަކު އާންމުކޮށް އެންމެ ބުރަކޮށް މަސައްކަތް ކުރާނެ އެއް އިމްތިހާނެވެ. ފަހު އިމްތިހާނާ ހަމައަށް ދާއިރު އެ އިމްތިހާނުން އެ ދަރިވަރަކު ހޯދަން ޖެހޭ މާކްސް އެނގޭނެ އެވެ. އެއީ ކުރިން ހަދާފައިވާ އެސައިންމަންޓުތަކާއި އިތުރު ކުދި އިމްތިހާނުތައް ހަދައި އޭގެ ނަތީޖާ ފަހު އިމްތިހާނުގެ ކުރިން ލިބޭތީ އެވެ. އެކަމަކު ގައުމީ ޔުނިވާސިޓީގެ ވަރަށް ގިނަ ދަރިވަރުންނަށް މިއީ ވެސް މައްސަލައެކެވެ.
"ފައިނަލް އެގްޒާމަށް ކުރިމަތިލާ އިރު ކުރިން ހަދާފައި ހުރި އެސައިންމެންޓްތަކުގެ ނަތީޖާއެއް ނުލިބޭ. އެކަމަކު އެ ނަތީޖާތައް ލިބުނީމަތާ އެގްޒާމަށް ލާންޖެހޭ އެފަޓެއް ވެސް އެނގޭނީ،" އަބްދުﷲ ބުންޏެވެ.
އިދާރީ ކަންކަމަށް ވުރެ ވެސް ދަރިވަރުންނަށް ބޮޑީ ލެކްޗަރާއިންގެ މައްސަލަ އެވެ. ބައެއް ފަހަރު ސެމިސްޓާ ނިމޭ އަތަށް އަޅާއިރަށް ވެސް މާއްދާތަކަށް ލެކްޗަރާ އިން ނުލިބޭ ފަހަރު އާދެ އެވެ.
"ފުރަތަމަ ސެމިސްޓާގައި ވެސް ވަރަށް ލަހުން އެއް މޮޑިއުލް ފެށީ ލެކްޗަރާ އަކު ހަމަނުޖެހިގެން. މެދު ތެރެއިން ލެކްޗަރާ ނައިސްގެން އަނެއްކާ އެހެން ލެކްޗަރާއަކު ގެންނަންޖެހިދާނެ. ދެ ވަނަ ސެމިސްޓާގައި ވެސް މި ސެމިސްޓާގައި ވެސް އެހެންވި. ދެން ފަހު ވަގުތު އާ ލެކްޗަރާއަކު އައިސް ރާސްލާފައި ހުރިހާ ފިލާވަޅުތަކެއް ނަގައިދޭނީ،" އަބްދުﷲ ބުންޏެވެ.
އޭނާ އެ ބުނި ގޮތަށް "ރާސްލާފައި" ފިލާވަޅުތައް ނަގައިދިނުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ކުދިން ބުނެ އެވެ.
"ހަ މަހުން ކިޔަވަން ޖެހޭ މާއްދާއެއް ތިން މަހުން ކިޔަވައިދިނީމަ އުނދަގޫވާނެއެއްނު. އަހަރުމެން ކުރި ހިތްވަރެއް ދެން އޮންނާނީ. ކިޔަވާދޭ ސްލައިޑުތައް އިތުރަށް ބުނެއެއް ނުދޭނެ. އޭގައި ހުންނާ އެތައް ސްޕެލިން މިސްޓޭކެއް ވެސް. އަވަސް އަރުވާލާފައި ކަންކަން ކުރަންޏާ ވެސް ވާނީ އެހެން،" ނޫހުގައި ނަން ނުޖެހުމަށް އެދި ދަރިވަރަކު ބުންޏެވެ.
ދެން އޮތީ ކިޔެވުމާ ސީދާ ގުޅުން ނެތް އެކަމަކު ވެސް ދަރިވަރުންގެ ގިނަ ޝަކުވާ ލިބޭ މައްސަލަތަކެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ފާހާނާ ނެތުމުގެ މައްސަލަ އެވެ. އެތައް ސަތޭކަ ދަރިވަރުންނެއް ކިޔަވަންދާ މަރުކަޒުތަކުގައި ބައެއް ފަހަރު ފާހާނާގެ ކަންތައްތައް ހުންނަނީ ވަރަށް ދަތިކޮށެވެ.
"އަހަރުމެން ފެކަލްޓީގައެއް ނުހުންނާނެ ދަރިވަރުންގެ ފާހާނައެއް. ވަރަށް އުނދަގޫވޭ އެހެންވެ. އެފްއެސްއެލް [ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ]ގެ ފާހާނާ އަހަރުމެން މި ބޭނުން ކުރަނީ. ވުލޫ ކޮށްލާ ހަދަން ވެސް އުނދަގޫވޭ. އެއް ފަހަރު ހުރި މިސްކިތުގެ ވުލޫ ކުރާ ތާންގައި ހުރި އިސް ކުރުތައް ވެސް ނަގާފައި. ދެން އަނެއްކާ އެފްއެސްއެލްގެ ފާހާނާ މި ހުންނަނީ މިހާރު އަންހެން ކުދިންނަށް ވެސް ފިރިހެން ކުދިންނަށް ވެސް އެއް ފާހާނާ،" ފެކަލްޓީ އޮފް އާޓްސްގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.
ގައުމީ ޔުނިވާސިޓީއަކީ އެތައް ހާސް ދަރިވަރުންތަކެއް ކިޔަވަންދާ ތަނެކެވެ. މި ޔުނިވާސިޓީގެ އަގު ހިފެހެއްޓޭނީ ދަރިވަރުންނަށް ވެސް ހިތްހަމަޖެހޭ ގޮތަކަށް ކަންކަން ހިނގައިގެންނެވެ. އެތަނަށް ދަނީ ކިޔެވުމަށެވެ. އެހެންކަމުން އެންމެ ކުޑަމިނުން ލެކްޗަރާއިން ހަމަކޮށްލުމަކީ ވާންޖެހޭނެ ކަމެކެވެ.