11 Jun 2014, 09:34
ބަޣްދާދު (ޖޫން 11): އިރާގުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ލެވަންޓް" (ދާޢިޝް) ގެ އަތްދަށަށް އެގައުމުގެ ދެވަނަ ސިޓީ ކަމަށްވާ މޫސަލް ދިޔުމާގުޅިގެން އެރަށުގެ އެތަށް ހާސްބަޔަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ވިލެޖްތަކަށާއި ރަށްތަކަށް ދާން ފަށާފައިވާ ކަމަށް އދ. ން ބުނެފި އެވެ.
އދ. ގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނީ ގެދޮރާއި މުދާ ދޫކޮށްފައި މޫސިލްއިން ރެފިއުޖީންގެ ގޮތުގައި 60 ހާހަށްވުރެ ގިނަމީހުން ނުކުމެފައިވާ ކަމަށާއި އޭގެތެރޭގައި މުސްކުޅިންނާއި މާބަނޑުމީހުންނާއި ކުޑަކުދިންނާއި ބަލި މީހުން ތިބުމާއެކު އެމީހުންނަށް ބޮޑެތި ވޭންތަކެއް ތަހައްމަލްކުރަން ޖެހިފައިވާ ކަމުގައެވެ.
ދާޢިޝް ގެ އަތްދަށަށް މޫސިލް ދިޔުމާއެކު އިރާގުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އިރާގުގެ ޕާލަމެންޓްގެ ރައީސް އުސާމާ އައްނަޖަފީ ވަނީ މިކަމުގެ ޒިންމާ އުފުއްލަވަންޖެހޭނީ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ދާއިޝް އަކީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން އިރާގާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންކުރާ ހަނގުރާމައިގެ "އާލާތެއް" ކަމަށާއި "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ލެވަންޓް" އަކީ އިރާގުގެ ގައުމީ މަސްލަހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމުގައެވެ.
"ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ލެވަންޓް" ނުވަތަ ދާއިޝް ޖަމާއަތަކީ އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ހަރަކާތްތެރިވާ އަލްގާއިދާއަށް ވުރެވެސް އެއް ދަރަޖަ ކުރީގައި އުޅޭ އަދި އަލްގާއިދާ ވެސް ކުރަން ޖެހިލުންވާފަދަ ބިރުވެރި އަމަލުތައް ހިންގާ ޖަމާއަތެއް ކަމަށްވެއެވެ. އަލްގާއިދާގެ ގޮތްޕެއްގެ ގޮތުގައި ދެހާހުގެ ކުރީގެ އަހަރުތަކުގައި އުފެދިގެންދިޔަ ދާއިޝް ޖަމާއަތަކީ މިހާރު އަލްގާއިދާއާ ވެސް ދުޝްމަން އަދި ހަނގުރާމަވެރި ޖަމާއަތްތަކުގެ ޒައާމަތު ހޯދުމަށްޓަކައި އަލްގާއިދާއާ ވެސް ހަނގުރާމަ ކުރަމުން ގެންދާ މުސްތަގިއްލު ވަކި ޖަމާއަތެކެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ދާޢިސް ޖަމާއަތާއި އަލްގާއިދާއަށް ނިސްބަތްވާ ޖަބްހަތުއްނުސްރާ ޖަމާއަތާ ދެމެދު ދަނީ ލޭއޮހޮރުވުން ބޮޑު ވަރުގަދަ ހަނގުރާމައެއް ހިނގަމުންނެވެ. މިދެ ޖަމާއަތުންވެސް ގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ކާފަރު ކަމުގެ ތުހުމަތު އަޅުވަމުންނެވެ. ދާއިޝްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ އާއި އަލްގާއިދާގެ ލީޑަރު ޑރ. އައިމަނުއްޒަވާހިރީ އަކީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ޒައާމަތު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި ބޮޑު ދެ ދުޝްމަނުންނެވެ.
ދާޢިޝް ޖަމާއަތުގެ ހަނގުރާމަވެރިން އިއްޔެ މޫސިލްއަށް ވަނުމާއެކު އެމީހުން ހިންގަފާނެ ގަތްލު އާންމަކަށް ބިރަށް އެސަރަހައްދުގެ ރައްޔިތުންގެ އެތަށް ހާސްބަޔަކު ވަނީ ގެދޮރާއި މުދައު ދޫކޮށްލުމަށްފަހު ރެފިއުޖީންގެ ގޮތުގައި އެރަށުން ފައިބައިގެން ގޮސްފައެވެ. އަދި އެރަށުގައިވާ އިރާގު ސަރުކާރުގެ މުއައްސަސާތަކާއި ބޭންކްތަކާއި ފައިސާއާއި ހުރިހާ ވަސީލަތްތަކެއް ވެސް ވަނީ އެޖަމާއަތުގެ ހަނގުރާމަވެރިންގެ އަތްދަށުގައެވެ. ރިޕޯޓްތައް ބުނާގޮތުން ދާޢިޝްގެ ހަނގުރާމަވެރިންގެ އަތްދަށަށް މޫސިލް ދިޔައީ އެރަށުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދިޔަ އިރާގުގެ ލަޝްކަރުތަކުގެ މައްނަވީ ރޫހު ބަލިކަށިވުމުގެ ސަބަބުން އެމީހުންގެ ސަފުތައް ރޫޅި ބައެއް މީހުން ފިލުމާ ގުޅިގެންނެވެ.
އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ މޫސިލްގެ ހަނގުރާމަ ހިނގިއިރު ޢަސްކަރީ ޚިދްމަތަށް ފުރަގަސްދީ ފިލާފައިވާ މީހުން ހޯދައި އެމީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ދާއިޝް ގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ އިރާގު ސިފައިންގެ ކުރީގެ ލަޝްކަރުތަކަށް ނިސްބަތްވާ ޕްރޮފެޝަނަލް އޮފްސަރުންނާއި އެކިގައުމުތަކުން އިރާގު ހަނގުރާމައަށް އައިސްގެން އުޅޭ ކުރިން އަލްގާއިދާއަށް ނިސްބަތްވާ ޕްރޮފެޝަނަލް ހަނގުރާމަވެރިންނެވެ.
ދާއިޝް ޖަމާއަތް އުފެދުނީ އިރާގު ޝިޔައީންނާއި އެމެރިކާ ގުޅިގެން އެގައުމުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ގެ ވެރިކަން ވައްޓާލުމާއެކު އިރާގުގެ ސުންނީންނަށް ކުރިމަތިވި އަނިޔާވެރިކަމުގެ ތެރެއިންނެވެ.
ދާޢިޝްގެ ހަނގުރާމަވެރިންގެ އަތްދަށަށް މޫސަލް ދިޔަނަމަވެސް އެރަށް އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ ވިދާޅުވެފައެވެ. މިގޮތުން މޫސަލް ގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުއްލި ހާލަތު އިޢްލާން ކުރުމުގެ ހުއްދައަކަށް އެދި މާލިކީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ.
ދާޢިޝްގެ ހަނގުރާމަވެރިންގެ އަތްދަށަށް މޫސިލް މިހާރު ގޮސްފައި ވީ ނަމަވެސް އެރަށުގައި ފައިހަރުކޮށްލައިގެން ތިބުމަކީ އެމީހުންނަށް ފަސޭހަ ކަމެއްނޫން ކަމަށް ދާއިޝް އާއި އަލްގާއިދާފަދަ ހަނގުރާމަވެރި ޖަމާއަތްތަކާބެހޭ ދިރާސާތައް ކުރައްވާ ތަޖްރިބާކާރުން ދެކެއެވެ. އަދި އިރާގު ސިފައިން ވައިގެ ވަރުގަދަ ހަމަލާތަކެއް ފަށައިފިނަމަ ދާއިޝްގެ ހަނގުރާމަވެރިން ވިއްސިވިހާލި ކޮށްލެވިދާނެ ކަމަށްވެސް މިފަރާތްތަކުން ދެކެއެވެ.
ނަމަވެސް ދާއިޝް އަކީ އަލްގާއިދާ ވެސް ޖެހިލުންވާފަދަ ވަރުގަދަ ޖަމާއަތަކަށްވެފައި އެޖަމާއަތާ ކުރިމަތިލައިގެން އެމެރިކާއަށް އިރާގުގައި ކާމިޔާބު ލިބިފައިނުވާތީ ދާއިޝް އަކީ އިރާގު ސިފައިންނަށް ކުރިމަތިވެފައިވާ ވަރުގަދަ އިމްތިހާނެއް ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)