11 Jun 2014, 00:50
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ލައިފް ބޯއީ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެ ވަނަ ފަހަރަށް އެ ޝީލްޑް އުފުލާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މާޒިޔާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ލަނޑުންނެވެ. މި މޮޅާއެކު ނިއު އަށް އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ލިބިފައި ވެއެވެ. މެޗަށް ފަހު ނިއުއަށް ލިބުނު 100،000 ރުފިޔާގެ ތެރެއިން 20،000 ރުފިޔާ ހަދިޔާކުރީ އެޑްވޮކޭޓިންގް ރައިޓްސް ފޯ ޗިލްޑްރެން (އާކް) އަށެވެ.
މި މެޗުގައި ނިއުގެ 16 ނަންބަރު ޖާޒީގައި ކުޅެން ނުކުތް މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ އޭނާ ކުޅުން ރަސްމީކޮށް ހުއްޓާލައިފައެވެ. އޮއިއްޓޭ ކުޅުން ހުއްޓާލީ މެޗުގެ ކިކް-އޮފް ކޮށްދިނުމަށް ފަހު އެވެ. މެޗުގެ ތެރޭގައި އޮއިއްޓޭގެ ޖާޒީ ނީލަން ކިއުން ކުރިއަށް ދިޔަ އެވެ.
މެޗުގައި ލިބުނު އެންމެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ނިއުގެ އަލީ ފާސިރު (ސެންޓޭ)ގެ ފަރާތުންނެވެ. ނަމަވެސް ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ މާޒިޔާގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މަދު ސަޕޯޓަރުންތަކެއްގެ ކުރިމަތީ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި މާޒިޔާގެ ސަމްދޫހު މުހައްމަދަށް ފުރުސަތެއް ލިބުނެވެ. ސަމްދޫހު ފޮނުވި ހަމަލާގެ ހުރަހަކަށްވީ ނިއުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ދެ ލަނޑު ކާމިޔާބުކުރި އެވެ. މި ދެ ލަނޑު ވެސް ނިއު އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މެޗުގެ ފުރަތަމަ ލަނޑު ބޮންޑާ ކާމިޔާބުކުރީ 28 ވަނަ މިނެޓުގައި މާޒިޔާގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ބޮންޑާ ފޮނުވާލި މި ހަމަލާ ދިޔައީ މާޒިޔާ އަދި ގައުމީ ޓީމުގެ ދެ ނަންބަރު ކީޕަރު މުހައްމަދު އިމްރާނުގެ އަތް ދަށުންނެވެ.
ބޮންޑާ ކާމިޔާބުކުރި ދެވަނަ ލަނޑު ފެނުނީ މެޗުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހާފުގެ މެދު ތެރެއިން އަކްރަމް އަބްދުލް ޣަނީ (އަކޫ) ނެގި ހުރަހަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް މާޒިޔާ އަށް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފުރުސަތު ލިބުނީ މުހައްމަދު އުމެއިރަށެވެ. މާޒިޔާގެ ގޯލް ކައިރިން އުމެއިރު ފޮނުވާލި ހަމަލާ ވަނީ މާޒިޔާގެ ކީޕަރު އިމްރާން ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާ އިން ނިއުގެ ގޯލަށް ނުރައްކާކުރި އެވެ. ނަމަވެސް މޫސާ ޔާމީންގެ ހަމަލާ، ނިއުގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 59 ވަނަ މިނެޓްގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ނިއު އިން ތިން ލަނޑުގެ ލީޑެއް ނެގުމާއެކު މާޒިޔާއިން އިތުރު މަސައްކަތްތަކެއް ކުރި ތަން ފެނުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި މާޒިޔާ އިން ލަނޑެއް ކާމިޔާބުކުރި އެވެ. ފަރުހާދު އިސްމާއިލްގެ ބޯޅައަކުން މާޒިޔާ އަށް ސުން ކަނޑުވާލަ ދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.
މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި ނިއުގެ އުމެއިރަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައި ވެއެވެ. މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިން ބޮންޑާ އެވެ.