11 Jun 2014, 00:28
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބްރެޒިލްގައި ފަށާ ވޯލްޑް ކަޕު ދިފާއު ކުރުމަށް ނުކުންނަ ސްޕެއިނަކީ މުބާރާތުގެ ފޭވަރިޓުން ނޫން ކަމުގައި އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްއާއެކު ދުނިޔޭގެ އަދި ޔޫރަޕް ޗެމްޕިއަނުންނަކީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ނަމަވެސް އެ ޓެގް ބޭނުންކުރާކަށް ސްޕެއިންގެ ކޯޗު ބޭނުމެއް ނުވެ އެވެ.
"ހުރިހާ ކަމެއް އެނގޭނީ ދަނޑުމަތީގައި ކުރާ ކަންތަކުން. ހުރިހާ ކަމެއް ރަނގަޅަށް ގެންދިއުމަށް އަހަރެމެންނަށް ވަރަށް ބޮޑު މަސައްކަތެއް ކުރެވިއްޖެ ކަމަށް ގަބޫލުކުރަން. ނަމަވެސް ފުޓްބޯޅައިގައި މަސައްކަތް ކުރެވުނު ވަރު އެނގޭނީ އެންމެ ފަހުން،" މާކާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޑެލް ބޮސްކޭ ބުންޏެވެ. "މި ހުރިހާ ވާހަކައެއް މި ދެކެވެނީ އަހަރެމެންނަކީ 2010ގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނަށް ވުމުން. އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ފޭވަރިޓުންގެ ޓެގު ނައްތާލުން. ވޯލްޑް ކަޕަކީ ޓެގެއް ޖެހުމަށްވުރެ، މާ ބޮޑު މުބާރާތެއް،"
ސްޕެއިންގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކަށް ވެފައިވަނީ އެ ޓީމު ކުޅެމުންދާ "ޓިކީ-ޓިކާ" ސިސްޓަމެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ސިސްޓަމުގެ ސަބަބުން އެ ޓީމަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ ޓީމެވެ.
ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ މުހިންމު ކަމެއް ކަމުގައި ޑެލް ބޮސްކޭ ދެކޭ އިރު އޭނާ ބޭނުންވަނީ ކުޅުންތެރިން ލައްވާ މި ވޯލްޑް ކަޕުގައި އެޓޭކިންގް ފުޓްބޯޅައެއް ވެސް ކުޅޭށެވެ.
"ފުޓްބޯޅަ ކުޅެވިދާނެ ކިތަންމެ ގޮތެއް އެބައޮތް. އަހަރެމެން ވަކި ޖާދޫގެ ފޯމިއުލާއެއް ބޭނުންކުރަނީއެއް ނޫން. އަހަރެމެންގެ ކުޅުން ބިނާކުރަނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާފައި،" ޑެލް ބޮސްކޭ ބުންޏެވެ. "މީގެ މާނައަކީ ރަނގަޅަށް ކުޅެ، ރަނގަޅު ނަތީޖާ ނެރޭ ޓީމެއް ނެތީކީއެއް ނޫން. ބޯޅަ ހިފެހެއްޓައިގެން ނަތީޖާ ނުނެރެވޭ ނަމަ، އޭގެ މާނައެއް ނޯންނާނެ. އެހެންވެ އަހަރެމެން މި މަސައްކަތްކުރަނީ ވަރުގަދަ އެޓޭކެއްކޮށް، ޕްރެޝަރުކުރުން،"
ވޯލްޑް ކަޕުގެ ގްރޫޕް ބީގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގައި ނެދަލޭންޑްސްއާ ދެކޮޅަށް ސްޕެއިން ނުކުންނަ އިރު، މި ދެ ޓީމް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުގައި ވެސް ބައްދަލުކޮށްފަ އެވެ.