އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ވޯލްޑް ކަޕުގައި ވާދަކުރާ އިޓަލީ ޓީމުގައި ހިމެނޭ ފޯވަޑް މާރިއޯ ބަލޮޓެލީގެ ލޯބިވެރިޔާއާ ކައިވެނިކުރަން ނިންމައިފި އެވެ.

ބަލޮޓެލީގެ ލޯބިވެރިޔާ އަދި ބެލްޖިއަމްގެ މޮޑެލް ފެނީ ނެގުއެޝާއާއާ ކައިވެނި ކުރަން ބަލޮޓެލީ ހުށަހަޅާފައިވާ ކަމަށާއި އެ އަންހެން ކުއްޖާ އެކަމަށް 'އާނ ބަސް" ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބަލޮޓެލީ ބުނެފައިވެ ވެ އެވެ.

އެންގޭޖްމެންޓަށްފަހު ބަލޮޓެލީ އިންސްޓަގްރާމް ކުރި ފޮޓޯ: އެއީ ހަޔާތުގެ އެންމެ މުހިންމު 'އާނ' ބަސް ކަމަށް ބަލޮޓެލީ ބުނި--

"އޭނާ ބުނީ އާއެކޭ. އެއީ އަހަރެން ހަޔާތުގެ އެންމެ މުހިންމު 'އާނ' ބަސް. މިއީ އަހަރެންގެ ސުވާލުގެ ތަން. ކަލާދެކެ ވަރަށް ލޯބިވޭ. އަދި އުފާވެރި އުފަން ދުވަހަކަށް އެދެން،" އުފަންދުވަހާއި އެންގޭޖްމަންޓް ހަފްލާއަށް ފަހު ބްރެޒިލްގެ ރިއޯ ބީޗުގައި ފޮޓޯއަކަށް ހުއްޓިހުރި ނަގާފައިވާ ފޮޓޯ އިންސްޓަގްރާމް ކުރި މެސެޖުގައި ބަލޮޓެލީ ބުނެފައިވެ އެވެ.

ބޮލެޓެލީ ވަނީ ނިގުއެޝާ އިނގިލީގައި އަޅުވާފައިވާ އެންގޭޖްމެންޓް އަނގޮޓީގެ ފޮޓޯ ވެސް އިންޓަގްރާމްކޮށްފަ އެވެ.

މި އަހަރު ކުރީކޮޅުގައި ބަލޮޓެލީ ވަނީ ކުރީގެ ލޯބުވެރިޔާ ރަފައެލާ ފިކޯ އަށް އޭނާގެ އަންހެން ދަރިއެއް ހުންނަ ކަން އިއުލާންކޮށްފަ އެވެ.

ބްރެޒިލްގައި ކުރިއަށްދާ އިޓަލީގެ ޓްރެއިނިންގް ކޭމްޕަށް ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިންނަށް އެ ޓީމުގެ ކޯޗު ސެސާރޭ ޕްރަންޑެލީ ވަނީ ދައުވަތު ދީފަ އެވެ. ވޯލްޑްކަޕްގެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު އިޓަލީ ނުކުންނާނީ އިނގިރޭސިންނާ ދެކޮޅަށެވެ.