10 Jun 2014, 21:39
މިއަދު ހަވީރު ނޮޅިވަރަންފަރު ފަޅަށް ވަންނަން އުޅުނު އެ ރަށު މަސް ދޯންޏެއް، ރާޅަކާއެކު ބަންޑުން ޖަހާލައި ދޯނި ގެއްލިއްޖެ އެވެ. އެ ހާދިސާގައި ގެއްލުނު "ނަސްރު" ދޯނީގައި ތިބި ހަތް މީހުން ވަނީ ފަތާފައި ރަށަށް އަރައި ސަލާމަތްވެފަ އެވެ.
މިއަދު ހަވީރު 5:30 އެހާކަންހާއިރު، ހިނގި އެ ހާދިސާގައި ދޯނީގެ ކެޔޮޅުގެ ބުރަކައްޓަށް ވަނީ އަނިޔާވެފަ އެވެ. އޭނާއަށް ދަނީ ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގު މިރޭ "ސަން" އަށް ވިދާޅުވީ "ނަސްރު" ދޯނި ބަންޑުން ޖަހާލީ ފަޅަށް ވަންނަން އޮންނަ ކަނޑިންމައިން ނެގި ބޮޑު ރާޅަކާއެކު ކަމަށެވެ. ދޯނި ބަންޑުން ޖަހާލުމާއެކު ދޯނީގައި ތިބި ހަތް މީހުން ފަތާފައި ރަށަށް އެރިއިރު، ދޯނި އޮޔާގޮސް މާ ކަނޑުގެ ތެރެއަށް ގެއްލިފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.
"ދޯނި ހޯދުމުގެ މަސައްކަތް ބަޔަކު ކުރަމުން އެބަ ގެންދޭ. އެކަމަކު އަދިވެސް ދޯނި ފެންނަ ގޮތެއް ނުވޭ،" ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގު ވިދާޅުވި އެވެ.
ގެއްލުނު ނަސްރު ދޯންޏަކީ 45 ފޫޓުގެ މަސް ދޯންޏެކެވެ. އެ ދޯނި ބަންޑުން ޖަހާލިއިރު، މަސްވެރިކަމުގައި ބޭނި މަސްވެސް ދޯނީގައި ހުއްޓެވެ.