10 Jun 2014, 21:07
ބިމުގެ އަޑީގައި ވަޅުލެވިފައިވާ ފެނާ ނަރުދަމާގެ ވިއުގައި ހިމެނޭ ހުރިހާ ބައިތަކެއް ހުރި ތަނާއި އެތަކެއްޗާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެނެގަތުމަށްޓަކައި، ގިނަ ގައުމުތަކެއްގައި ބޭނުންކުރަމުންދާ ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްޑަބްލިޔުއެސްސީން ގާއިމްކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ރާއްޖޭގައި ގާއިމްކުރާ ހިޓާޗީ ކުންފުނީގެ "އަކުއާމެޕް" ސޮފްޓްވެއާގެ ޖީއައިއެސް އިފްތިތާހް ކޮށްދެއްވީ މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދެވެ.
އަކުއާމެޕް އަކީ މިހާރުވެސް ޖަޕާނުގެ ގިނަ ސިޓީތަކެއްގައި ބޭނުންކުރަމުން އަންނަ ސިސްޓަމެއް ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެ އެެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ، މިއަދު ތައާރަފް ކުރެވޭ ސިސްޓަމްގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
"ސިސްޓަމްގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. އަދި މަސައްކަތްތަކުގައި ސްޓާފުންގެ ވަގުތު ވެސް ކުޑަވެގެންދާނެ. މީގެ އިތުރުން ފެނުގެ ހިދުމަތް މެދު ކެނޑިގެންދާ ވަގުތު ތަކުގައި ވެސް ކަސްޓަމަރުންނަށް ވީހާވެސް ދަތިނުވާނެ ގޮތްތަކަށް މި ނިޒާމުގެ ސަބަބުން ހިދުމަތްދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ، ފެނާ ނަރުދަމާގެ ވިއުގައާ ގުޅުންހުރި އެންމެހާ މައުލޫމާތު އެއްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ކުރިއަށްވުރެ ހަލުވި ކަމާއިއެކު އެ ސިސްޓަމުން ފޯރުކޮށްދެވޭނެ ކަމަށެވެ.
އޭގެ އިތުރުން ކަސްޓަމަރުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ހެދުމަށް ގާއިމްކުރާ އެ ނިޒާމު ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ހިދުމަތް ދެމުންދާ ހުރިހާ ރަށެއްގައި ބޭނުންކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ބިމުގެ އަޑީގައި ވަޅުލެވިފައިވާ ފެނާ ނަރުދަމާގެ ވިއުގައި ހިމެނޭ ހުރިހާ ބައިތަކެއް ހުރި ތަނާއި އެތަކެއްޗާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެނެގަނެވޭ ޖީއައިއެސް އަކީ ފެނުގެ ވިއުގެ ތެރޭގައި ފެންދަތުރުކުރާ ބާރުމިނާ މިސްރާބާއި ފެން ބޭނުންކުރަމުންދާ މިންވަރުގެ އިތުރުން އެ ހިސާބުތަކުގެ ޕްރެޝަރު ހުރި މިންވަރު ވެސް ދެނެގަނެވޭނެ ސިސްޓަމެކެވެ.