ދުވަސް ފުރާ ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މަންމަގެ ބަންދުގެ މުއްދަތަށް، 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

އުމުރުން 18 އަހަރުގެ އެ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅުގެ އަނގަޔަށް ފޮތި ލައްވައި މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މ. ސިލްވާޝާކް ގޭގެ ތިން ވަނަ ބުރީ ހުރި ފޮއްޓެއްގެ ތެރެއިންނެވެ. އެ ދުވަހު އެ ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

މިދިޔަ މަހު އޭނާގެ ބަންދަށް ޖެހި މުއްދަތު މިއަދަށް ހަމަވާތީ، ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން އަނެއްކާވެސް ވަނީ އެ އަންހެން ކުއްޖާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ. އެ އަންހެން ކުއްޖާ ބަންދުގައި ބަހައްޓާފައި ވަނީ ހޯމް މިނިސްޓްރީއަށް ފެންނަ ތަނެއްގަ އެވެ.

އެ އަންހެން ކުއްޖާ ވިހެއިކަން ފަޅާއެރީ ލޭ މަނާނުވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ދަރިއަކު ވިހާފައިވަކަން ޑޮކްޓަރުންނަށް އެނގުމުންނެވެ. ކައިވެނީގެ ބޭރުން ދަރިޔަކު ލިބި، ވިހާފައިވާތީ އެ އަންހެން ކުއްޖާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެ އަންހެން ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ތުއްތު ދަރިފުޅު ވިހެއުމަށްފަހު ފާހާނާއަށް ލައި ފްލަޝް ކުރީ ކަމަށް އެ ކުއްޖާ އެއްބަސްވެ އެވެ. ނަމަވެސް އޭގެ ފަހުން އެ ތުއްތު ދަރިފުޅު ފޮއްޓެއްގެ ތެރެއަށްލާފައި އޮތް ކަމަށް ބުުނުމުން އެކަން ފުލުހުންނަށް ރިޕޯޓު އެ ތުއްތު ކުއްޖާގެ މަންމަގެ އާއިލާއިންނެވެ.