04 Jan 2011, 10:36
އއ. އުކުޅަހު ސިއްޚީ މަރުކަޒުގައި ހުރި ވެކްސިން ޑޯޒްތަކުގެ މުއްދަތު ހަމަވުމުގެ ސަބަބުން ވެކްސިން ޖަހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
އުކުޅަހުން މައުލޫމާތު ދިން މީހަކު ނަން ނުޖެހުމަށް އެދި ބުނީ، އޭނާގެ އަންހެން ކޮއްކޮ އިއްޔެ ރޭ ވިހޭ ދަރިފުޅު ގޮވައިގެން ވެކްސިން ޖެހުމަށް މިއަދު ހެނދުނު އުކުޅަހު ސިއްޚީ މަރުކަޒަށް ގެންދިއުމުން ބުނީ "ވެކްސިން ޑޯސްތައް ހުރީ ޑޭޓް ހަމަވެފައި" ކަމަށެވެ. އަދި އާ ވެކްސިން ޑޯޒް ލިބޭނެ އިރެއް ނޭނގޭ ކަމަށް ސިއްޚީ މަރުކަޒުން މިއަދު ބުނި ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
"އަޅުގަނޑު ކުއްޖާ ގޮވައިގެން ދިޔައިމާ ބުނީ ޑޯޒްތައް ހުރީ ޑޭޓް ހަމަވެފައޭ. ދެން ކިހިނެތްހޭ ހަދާނީ ބުނީމަ ބުނީ ވެކްސިން ލިބޭނެ އިރެއްވެސް ނޭގެޔޯ. ދެން ޖެހޭނީ ވެކްސިން ޖަހަންޏާ ރަސްދު އަށް [ތުއްތު ކުއްޖާ] ގެންދަން،" އޭނާ ބުންޏެވެ.
ވެކްޒިން ޖަހައި ނުދޭ މައްސަލައާ ގުޅޭ ގޮތުން ސިއްޚީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ރަޝީދަށް ގުޅާލުމުން މިއަދު ވިދާޅުވީ، "ތިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނާކަށް ނެތިން،" ކަމަށެވެ. އަދި ވެކްސިން ޖަހައިދިނުން ހުއްޓާލާފައިވާތާ ކިހާ ދުވަހެއް ވެފައިވާ ކަމެއް ވެސް ވިދާޅެއް ނުވި އެވެ.
އުކުޅަހު ސިއްޚީ މަރުކަޒަށް މިއަދު ވެކްސިން ޖަހަން ގެންދިޔަ ތުއްތު ކުއްޖާ އަކީ، އެމްބިއުލެންސް ފޮނުވި ގޮތް ލަސްވެގެން އިއްޔެ ގޭގެ ތަޅުން މައްޗަށް އޭނާގެ ކޮއްކޮ ވިހޭ ފިރިހެން ކުއްޖާ ކަމަށް، އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ގޭގައި ވިހަން ޖެހުނީ ސިއްޚީ މަރުކަޒުގެ އެހީތެރިކަން ނުލިބުމުންނެވެ.
ހާހަކަށް ވުރެ ގިނަ މީހުންގެ އާބާދީ އެއް އޮންނަ އުކުޅަހު ސިއްޚީ މަރުކަޒާ މެދު އާއްމުންގެ ގިނަ ޝަކުވާތަކެއް އެބަ ހުރި ކަމުގައި އޭނާ ވިދާޅުވި އެވެ.
"ވަރަށް ދެރަ ކަންތައް ސިއްޚީ މަރުކަޒުގެ. ކުރީ ދުވަހު ވެސް އަންހެނަކު އޭނާގެ ފިރިހެންދަރިފުޅު ހޮޑުލައި ސީލާތީ ގެންދިޔަ އިރު ސިއްޚީ މަރުކަޒު ބަންދުކޮށްފައި ހުރީ. މިއަދު ވެކްސިން ޖަހައި ނުދޭ. އެއީ ކަންތައް ކުރާ ގޮތަކީ. ދެން މިއީ ކިހާ ދެރަކަމެއް،" އޭނާ ބުންޏެވެ.
އުކުޅަހުގައި ވެކްސިން ޖަހައި ނުދޭ މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލެއްގެ ބަހެއް ވަނީ މިއަދު ލިބޭ ގޮތް ނުވެފަ އެވެ.
ރަށްރަށުގައި ވެކްސިން ޖަހައިދިނުމުގައި ތަފާތު މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.