10 Jun 2014, 19:51
ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ ލައިފްބޯއީ ޗެރިޓީ ޝީލްޑް މެޗުގައި، ނިއުގެ ޖާޒީގައި އެ ކްލަބުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ހުސެއިން (އޮއިއްޓޭ) ރަސްމީކޮށް ކުޅުން ހުއްޓާލާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފި އެވެ.
މިރޭ ނިއުގެ ޖާޒީގައި އޮއިއްޓޭ ކުޅުން ހުއްޓާލަން ނިންމާފައިވާ އިރު، ނިއު އަކީ އޭނާގެ އެންމެ ކާމިޔާބީ ދުސްތަކެއް ހޭދަކުރި ކްލަބެވެ.
މިކަމާއި ގުޅޭގޮތުން އެފްއޭއެމް އިން ބުނީ، ނިއުގައި އޮއިއްޓޭ ބޭނުންކުރި 16 ނަންބަރު ޖާޒީ މިރޭ 8:30 ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ނީލަން ކިޔާނެ ކަަމަށެވެ. އަދި އެ ޖާޒީ ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ އެޑްވޮކޭޓިންގް ރައިޓްސް ފޯ ޗިލްޑްރެން (އާކް) އަދި ކެއާ ސޮސައިޓީ އަށެވެ.
މިރޭގެ މެޗުން ނިއު މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލިބޭ ފައިސާ އިނާމްގެ 20 އިންސައްތަ އާކް އަށް ދޭން ނިންމާފައިވާ އިރު، މާޒިޔާއަށް މޮޅުވެއްޖެ ނަމަ، ލިބޭ ފައިސާ އިނާމުގެ 20 އިންސައްތަ ހަދިޔާކުރާނީ ކެއާ ސޮސައިޓީ އަށެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް ފައިސާގެ އިނާމެއްގެ ގޮތުން ލިބޭނީ 100،000 ރުފިޔާ އެވެ.
އޮއިއްޓޭ ކުޅުން ފަށާފައި ވަނީ ކްލަބު އީގަލްސް އިން 1998 ވަނަ އަހަރު އެވެ. ކުޑަ ދުވަސްކޮޅަކަށް އީގަލްސް އަށް ކުޅުމަށްފަހު، ނިއު އަށް ބަދަލުވެ، އޭނާ ވަނީ އެ ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ނިއު އަށް ހަ އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށް ފަހު، ދެން އޮއިއްޓޭ ފެނުނީ ކްލަބު ވެލެންސިއާ އަދި ވީބީ އިންނެވެ. އައަށްފަހު، 2012 ވަނަ އަހަރު އަލުން ނިއުގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު، އެންމެ ފަހުން އޭނާ ކުޅުނީ ބީޖީ ސްޕޯޓްސް ކްލަބަށެވެ.