ސިންގަޕޫރުގައި ކުރިއަށްދާ އޭސީސީ އެލީޓް ކްރިކެޓް މުބާރާތުގެ ލީގް ޗެމްޕިއަންކަން ހޯދައިފިނަމަ ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ގައުމީ ކްރިކެޓް ޓީމަށް އެއް މިލިއަން ރުފިޔާ ދެއްވަން ރައީސް ނިންމެވިކަން ހާމަ ކުރެއްވީ އެ ޓީމު މެނޭޖާ ފަރުހަތު ޖަލީލަށް ރައީސް ޔާމިން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސުން ބުނީ އޭސީސީ އެލީޓު މުބާރަތުގައި ގައުމީ ކްރިކެޓް ޓީމު ހޯދަމުންދާ ކާމިޔާބީއަށް ރައީސް ތައުރީފު ކުރައްވާފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ގައުމީ ކްރިކެޓް ސްކޯޑް އެކުލަވާލުމާއެކު ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ކްރިކެޓް ސުކޮޑް އެކުލަވާލުމާއެކު ޓީމަށް 90،000 ރުފިޔާ ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފަ އެވެ.

ޤައުމީ ކްރިކެޓް ސްކޮޑްގައި ހިމެނޭ ކުޅުންތެރިނަށް މުސާރަދިނުމަށް ރައީސް ނިންމެވުމާ ގުޅިގެން ޤައުމީ ޓީމުގެ މެނޭޖާ ފަރުހަތު ޖަލީލް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ނަމުގައި ރައީސް ޔާމީނަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.

އޭސީސީ އެލީޓު މުބާރަތަށް ސިންގަޕޫރަށް ގޮސްތިބި ކްރިކެޓް ޓީމަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވުމަކީ މުބާރާތުގެ ކުރިއަށް ހުރި މެޗްތައް ކާމިޔާބުކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ފަރުހަތު ޖަލީލު ރައީސް އަރިހުގައި ދެންނެވި އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭސީސީ އެލީޓު މުބާރަތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މަޗްވަނީ ކާމިޔާބުކޮށްްފައެވެ. ހަ ގައުމު ވާދަ ކުރާ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 6 ޕޮއިންޓާއެކު ސައުދީ އަރަބިއްޔާއެވެ. ރާއްޖެ އާއި، ސިންގަޕޫރާއި، ކުވެއިތު 4 ޕޮއިންޓާއެކު އޮތީ 2 ވަނައިގަ އެވެ. ރަންރޭޓްގެ ތަފާތުން ރާއްޖެއަށް ލިބެނީ ހަތަރު ވަނަ އަވެ. ރާއްޖެ މާދަމާ ބައްދަލުކުރާނީ އެއްވަނަ ޓީމް ސައުދީ އަރަބިއްޔާއާއެވެ.