10 Jun 2014, 19:29
ގެސްޓުންނާއި އެކު ބ. ދަރަވަންދޫ ފަރަށް އެރި ރޯޔަލް އައިލެންޑް ރިސޯޓުގެ ޑައިވިން ދޯންޏެއް ދިޔަވެ އަޑިޔަށްދިއުމުގެ ކުރިން ދަރަވަންދޫ ރައްޔިތުން ނުކުމެ އެހެލައިފި އެވެ.
ދަރަވަންދޫގައި ހުންނަ ސަންގެ މޮނީޓަރު އަލީ ރާޝިދު ބުނީ، ފަރަށް އެރި ރޯޔަލް އައިލެންޑް ރިސޯޓުގެ "ވިލާ ދުވެލި 57" ނަމަކަށް ކިޔާ ޑައިވިން ދޯންޏަކީ ދަރަވަންދޫ ތިލައަށް ގެސްޓުން ގޮވައިގެން ޑައިވިން އަށް ދިޔަ ދޯންޏެއް ކަމަށެވެ.
ރަށުގެ އިރުމަތީ ފަރާތަށް ދޯނި ފަރަށް އެރީ އިންޖީނު ހުއްޓިގެން ބާރު އޮޔާ އެކުގައި މިއަދު ހަވީރު 4:30 ގައި ކަމަށްވެސް އޭނާ ބުންޏެވެ.
ރާޝިދު ބުނީ، ދޯނި ފަރަށް އެރި އިރު ދޯނީގައި އެ ރިސޯޓުގެ ބިދޭސީ ދެ އިންސްޓްރަކްޓަރުންނާއި ހަތަރު ގެސްޓުންގެ އިތުރުން ދިވެހި ތިން ފަޅުވެރިން ތިބި ކަމަށެވެ.
ފަރަށް އެރުމުގެ ހާދިސާ އާއި ގުޅިގެން ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ދޯނީގެ ބަނޑުފިލައިން ތަންގަނޑެއް ހަލާކުވެ ހުންގާނު ކައިރިން ތަންކޮޅެއް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ދޯނި ދިޔަވަމުންދާތީ ދަރަވަންދޫ ރައްޔިތުން ނުކުމެ ދޯނި އެރަށަށް އެހެލާފައިވާ ކަމަށްވެސް ރާޝިދު ބުންޏެވެ.
އޭނާ ބުނީ، ދޯނީގައި ތިބި އެންމެންވެސް މިހާރު ރޯޔަލް އައިލެންޑް ރިސޯޓުގެ ލޯންޗެއްގައި އަނބުރާ ރިސޯޓަށް މިއަދު އިރުއޮއްސުނު އިރު ފޮނުވާލާފައިވާ ކަމަށެވެ.