10 Jun 2014, 19:09
ނިއު ރޭޑިއަންޓްގެ ކޯޗުކަމަށް ކުރިން އެކްލަބުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި އިސްމާއިލް އަނިލް ހަމަޖައްސައިފި އެވެ.
ނިއުގެ ކޯޗު ކަމަށް އަނިލް ހަމަޖެއްސިކަން އެ ކްލަބުގެ ބޯޑު މެމްބަރު އަހްމަދު ޒަރީރު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ނިއުގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވުމަށްފަހު، ނިއުގެ ރަސްމީ ވެބްސައިޓަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަނިލް ބުނީ، ނިއުއާއެކު ކުރިން ވެސް މަސައްކަތްކުރި ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"ކޯޗިންގް އަކީ އަޅުގަނޑުގެ ދާއިރާ، އެހެންކަމުން ތަޖުރިބާރެއްގެ ގޮތުގައި އަޅުގަނޑު މި ވަޒީފާގައި ކުރިއަށްދާނަން. އަދި ނިއުގެ ޓާގެޓްތައް ހާސިލްކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން. ކުޅުންތެރިއެއްގެ ގޮތުގައި ނިއުގެ އިސްކޮޅު މީހެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، މިހާރު ނިއުގެ ބެޖް ޖަހައިގެން އަޅުގަނޑު މަސައްކަތްކޮށްދޭނީ ނިއުއަށް ކާމިޔާބު ހޯދައިދިނުމަށް،" އަނިލް ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ނުކުންނާނެ އެވެ. ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ 8:30 ގައެވެ.