10 Jun 2014, 19:01
ހޯމް މިނިސްޓަރު އުމަރު ނަސީރަކީ އަބަދުވެސް ކޯޓުތަކަށް އެއްބާރުލުން ދެއްވާ ބޭފުޅެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ދައުލަތުން އުފުލާފައިވާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ވަޑައިގަތީ ޝަރީއަތް އޮތްކަމުގެ މައުލޫމާތު މީޑިއާއިން ލިބިވަޑައިގަތުމުން ކަމަށާއި އެ ޝަރީއަތައް ހާޒިރުވުމަށް ކޯޓުން އަންގާފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި އެންމެފަހުން ބާއްވަން އުޅުނު ދެ ޝަރީއަތުގެ މަޖިލީހަށް މިނިސްޓަރު އުމަރަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ކަމަށާއި އެކަން ކޯޓަށް އަންގާފައިވާނެ ކަމަށެވެ. އަދި އެދަތުރަކީ ކުރިއާލައި ޝެޑިއުލްކުރެވިގެން ކުރިއަށްދާ ކަމަކަށްވާތީ ދަތުރުފުޅު ކުރުކޮށްލެއްވެން ނޯންނާނެ ކަމަށް ވެސް ތަޒުމީލް ވިދާޅުވިއެވެ.
"މި ދަތުރަކީ ކުރިއާލައި ޝެޑިއުލް ކުރެވިފައިވާ، ބޭރުގެ ޑެލިގޭޓުންނާ އެއްކޮށް، ޚާއްސަކޮށް އެ ދާ ގައުމުތަކުގެ އިސް ބޭފުޅުންނާ ކުރިއާލައި އެޕޮއިންޓްމެންޓުތައް ހެދި ހަމަޖެހިފައި ހުރި ކަމެއް. އެކަން ދޫކުރައްވާފަ އެނބުރިވަޑައިގަންނަވާނެ ހެން ހިޔެއް ނުވޭ،" ތަޒުމީލް ވިދާޅުވިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށްފަހު ޖެހިގެން އަންނަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެންގެވިނަމަވެސް އެމަނިކުފާނު ޝަރީއަތަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"[މިނިސްޓަރު އުމަރު] އެނބުރި ވަޑައިގެން ކޯޓަށް އެއްބާރުލުން ދެއްވާނެ. ޖެހިގެން އަންނަ ދުވަހު ކޯޓަށް ވަޑައިގަންނަވަން ޖެހުނަސް ވަޑައިގަންނަވާނެ. މިއެއްޗަކީ ޝެޑިއުލްކުރެވިފައިވާ އެއްޗަކަށް ވާތީ ޝެޑިއުލާއެއްކޮށް އެނބުރިވަޑައިގަންނަވާނީ،" ތަޒުމީލް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް މުޒާހަރާއެއްގައި އެމަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އުމަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިކަން އަންގައި ހޯމް މިނިސްޓްރީން އެ ކޯޓަށް ސިޓީއެއް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ. އަދި އެއީ ޝަރީއަތަށް ދަތިކުރުމުގެ ގޮތުން ކުރައްވާކަމެއްގެ ގޮތުގައި ކޯޓުން ދެކޭކަމަށާއި ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް އުމަރު ހާޒިރުވެވަޑައިނުގެންފިނަމަ ގަވާއިދާއެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.