10 Jun 2014, 17:19
އެސްޓީއޯ ނޫފަހި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2014ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވާދަކުރި މެޗު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ލައިފްބޯއި ޓާފް ގްރައުންޑްގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ލަނޑު ޖަހަނޭ މަދު ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބުނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ނިއުގެ މަރިޔަމް މިރުފަތު އެވެ.
މި މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅެން ހަމަޖެހިފައި ވާ އިރު ހަވީރު 4:45ގައި ކުޅޭ މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބާއި ނިއު ރޭޑިއަންޓެވެ. އަދި ރޭގަނޑު 9:15ގައި ކުޅޭ މެޗުގައި ވާދަކުރާނީ ސަން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (ސަން) ޓީމާއި އެމްއެންޑީއެފް އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ޖުމުލަ ހަތަރު ޓީމު ބައިވެރި ވެގެން ކުރިއަށް ގެންދާ މި މުބާރާތުގައި، ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ކުރީގައި އޮންނަ ތިން ޓީމަކަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން އެއްވަނަ އަދި ދެވަނަ އަށް ދާ ދެ ޓީމުގެ ދެމެދުގައި ފުރަތަމަ ސެމީ ކުޅެ މޮޅުވާ ޓީމެއް ފައިނަލަށް ދާގޮތަށް އަދި އެ މެޗުން ބަލިވާ ޓީމަކާއި ތިންވަނައަށް ދިޔަ ޓީމާ ދެމެދު ދެވަނަ ސެމީއެއް ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ.
މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވާ އިރު، ފައިނަލް މެޗު ކުޅޭނީ، މި މަހުގެ 21 ވަނަ ދުވަހު ހަވީރު 4:15ގަ އެވެ.